އަފްގާނިސްތާނުގައި ދިރިއުޅެމުން އަންނަ ޝަމްސިއްޔާ ހައްސާނީ އަކީ ކުޅަދާނަ ސްޓްރީޓް އާޓިސްޓެކެވެ.
ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ފާރުތަކުގައި އޭނާ ދައްކަމުން އަންނަ ކުރެހުންތަކުގައި ފިރިހެނުންގެ ބާރު ގަދަވެފައިވާ މުޖުތަމައުގައި ދިރިއުޅެމުން އަންނަ އަންހެނުންގެ ހާލަތު ބުނެދެއެވެ.
ޝަމްސިއްޔާ ހައްސާނީގެ މައިންބަފައިންނަކީ އީރާނަށް ހިޖުރަކޮށްފައިވާ އަފްގާނު ދެމަފިރިންނެވެ. 1988 ވަނަ އަހަރު ޝަމްސިއްޔާ އީރާނުގައި އުފަންވެފައިވާއިރު އެ އާއިލާ އެނބުރި އަފްގާނިސްތާނަށް ގޮސްފައިވަނީ 2005 ވަނަ އަހަރުގައެވެ. 2010 ވަނަ އަހަރު ކާބުލްގެ ޔުނިވަސިޓީގައި ޕެއިންޓިން އެންޑް ފައިން އާޓްސް އިން ޑިގްރީ ހާސިލުކުމަށްފަހު ޝަމްސިއްޔާ ވަނީ ގުރެޖުއޭޓު ވެފަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ އަންހެނުންނަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަތައް ކުރެހުންތަކުގެ ޒަރީއާއިން މީހުންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
ކާބުލް ޔުނިވަސިޓީން ގްރެޖުއޭޓުވުމަށްފަހު އޭނާވަނީ އެ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައި އަދި ފަހުން ފައިން އާޓްސްގެ ޕްރޮފެސަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.
އޭނާ އެންމެ ފުރަތަމަ ކުރަހަން ފަށާފައިވަނީ ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ފާރުތަކުގަ އާއި ފަޅު ގެތަކުގެ ބޭރުގައެވެ. ހިނގައިބިނގައިވެ އުޅޭ މީހުންނަށް ފަސޭހައިން ފެންނަ ތަންތަނުގައި އޭނާގެ ކުރެހުންތައް ހުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބެން ފަށައިފައެވެ. ނަމަވެސް މިއީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. މަގުތައް މަތީ ހިނގާ ހަމަނުޖެހުންތަކާއި އަންހެނުންނަށް ކުރިމަތިވާ ފުރައްސާރައިގެ ސަބަބުން އާއްމު ތަންތަނުގައި އޭނާގެ ކުރެހުންތައް ދައްކައިދިނުމަކީ އޭނާ ކުރިމަތިލާން ޖެހޭ ގޮންޖެހުމެކެވެ. ނަމަވެސް އޭނާގެ ސްޓްރީޓް އާޓުތައް ހުށަހަޅައި އޭނާގެ ޓުވިޓާ އެކައުންޓުގައި ވަނީ ހިމަނަމުން އައިސްފައެވެ.
ކުރެހުމުގެ އިތުރުން ޝަމްސިއްޔާ އަކީ ހިއުމަން ރައިޓްސް އެކްޓިވިސްޓެއްވެސް މެއެވެ. އަފްގާނުގައި ހިންގި އިންސާނީ ހައްގުތަކުގެ ގިނަ ކެމްޕޭން ތަކުގައި ހަރަކާތްތެރިވެ އޭނާގެ ކުރެހުންތަކުގެ އެހީގައި އެގައުމުގައި ދިރިއުޅެމުން އަންނަ މީހުންގެ ކެކުޅުންތައް ވަނީ ދުނިޔެއަށް ހާމަކޮށްދީފައެވެ. އެގޮތުން އިންޑިއާ، ޖަރުމަނު، ސުވިޒަލޭންޑް އަދި އިޓަލީގައި އޭނާގެ ކުރެހުންތައް ވަނީ މީގެކުރިން ބައިވެރިކޮށްފައެވެ.
އޭގެ އިތުރުން އޭނާ ވަނީ ގްލޯބަލް މެގަޒިން އިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވައިލެވޭ 100 ގްލޯބަލް ތިންކާސްގެ ތެރޭގައި 2014 ވަނަ އަހަރު ހިމެނިފައެވެ. މީގެ އިތުރުން އޭނާ ވަނީ ''ގުޑްނައިޓް ސްޓޯރީސް ފޮ ރިބެލް ގާލްސް'' ހުށަހަޅައިދިނުމުގައި ބައިވެރިވެފައެވެ. މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަންހެނުން ކުރިއަރުވަން އަންހެނުން ކުރާ މަސައްކަތްތައް ދައްކާލުމުގެ ގޮތުން ބައިވެރިކުރާ ކުރެހުންތަކެކެވެ.
އޭނާ އެންމެފަހުން ދައްކައިދީފައިވާ ކުރެހުމަށް ދީފައިވާ ނަމަކީ ''ޑެތު ޓު ޑާކްނެސް'' އެވެ. އެ ކުރެހުމުގައި ފެނިގެން ދަނީ ފުޅިއަކަށް ޖަހާފައިވާ ޑެންޑިލިން މަލާއި އެކު އެފުޅި ބިންމައްޗަށް ވެއްޓިފައި އޮންނަ މަންޒަރެވެ. އަދި ފުޅި ވެއްޓުމުގެ ހިތާމައިގައި އަންހެން ކުއްޖަކު މޫނުގައި އަތް އަޅައިގެން ރޯން އިންނައިރު އޭނާގެ ކުރިމަތީގައި ހަތިޔާރު ހިފައިގެން ހުންނަ ހަނގުރާމަވެރި ޖަމާއަތުގެ މީހެއްގެ ހިޔަނި ފެންނަން ހުރެއެވެ.
ޝަމްސިއްޔާ މިހާރު ހުރީ ކޮންތަނެއްގައި ކަމެއް ނޭނގެއެވެ. އޭނާގެ މެނޭޖަރު ބައިނަލްއަގުވާމީ މީޑިއާއަކަށް މައުލޫމާތު ދެމުން އޭނާ ހުރި ތަނެއް ހާމަ ނުކޮށް ބުނެފައިވަނީ އޭނާ ހުރީ ސަލާމަތުން ހެޔޮ ހާލުގައި ކަމަށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް