ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ އެކު ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސާ އެގްރީމަންޓް އާކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ހަފުލާގައި މި އެގްރީމަންޓުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އަދި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭވެސް އެއްފަދައިން ގައުމީ ސީނިއާ ފިރިހެން ޓީމާއި ސީނިއާ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ.
ޓިމް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި ޕާޓްނާޝިޕް އާ ކުރެވުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ޒުވާން ޖީލަށް ފުޓްބޯޅައިގެ ހުނަރު ފުޅާކުރަން އެހީތެރިވުމަކީ ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އަޅުގަނޑުމެން ނުހަނު ބޮޑު އިސްކަމެއްދޭކަމެއް. ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން،" ޓިމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ބީއެމްއެލްއާ އެކު އެއްބަސްވުން އާ ކުރެވުމަކީ ލިބޭ ފަހުރެއް އަދި އުފަލެއް ކަމަށެވެ. ބައްސާމް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ބީއެމްއެލުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
"އަަޅުގަނޑުމެންގެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ ފަހުރު. އަދި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ،" ބައްސާމް ވިދާޅުވިއެވެ.
ބީއެމްއެލް އަކީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް 2021ގެ އޮފިޝަލް ބޭންކިން ޕާޓްނަަރަކީ ވެސް ބީއެމްއެލްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު