ޚަބަރު

ނުރައްކާތެރި މެތު މިހާރު ރާއްޖެއިން ހިލޭ ލިބެން އެބަހުރި: މިނިސްޓަރު ނަސީމް

އިބްރާހިމް ޒަކީ

އެންމެ ނުރައްކާތެރި މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ، މެތަފެޓަމައިން (މެތު) މިހާރު ރާއްޖޭއިން ހިލޭ ލިބޭ ހިސާބަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާ ބެހޭ ގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، މެތު ރާއްޖޭގައި އާއްްމުވި ނަމަވެސް އެތަކަތި ރާއްޖެއަށް ގެންނަ ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގޮތާއި އެތަކެތި ރާއްޖެއަށް ގެންނަ ތަންތަން ތަފާތުވެ ފުޅާވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާބެހޭ އިތުރު ތަފްސީލު ދެއްވަމުން ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ، 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުން އައީ ސައުތުއީސްޓް އޭޝިއާގެ ގައުމުތަކުން ނަމަވެސް މިހާރު ނެދަލެންޑް އާއި ޔޫކޭ އާއި ޖާމަނީ ފަދަ ގައުމުތަކުންވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގޮތްތައްވެސް މިހާރު ބަދަލުކޮށްފައިވާ ކަމަށާއި، އެގޮތުން މެއިލް ބޭނުން ކޮށްގެން އެތަކެތި އެތެރެ ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް ބަދަލުވަމުންދާތީ، މިހާރު އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި ސްޓިކާތާއި ސްމާޓީސް ފަދަ ގޮތަށް ހުންނަ އެއްޗެހި އެތެރެ ކުރޭ، އެ އެއްޗެހި ގިނައިން އެތެރެކުރަނީ މެއިލް މެދުވެރިކޮށް،" ސަފާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ އެންމެ ނުރައްކާތެރި ބާވަތް ކަމަށްވާ މެތަފެޓަމައިން އައީ އެއަށް ދެވި ހިފައިފި ނަމަ ދޭނެ ފަރުވާއެއް ވެސް ނޯންނަ ބާވަތެކެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން އެކަމުން ސަލާމަތް ކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ރާވާފައިވާ ކަންތައްތަކާބެހޭ މައުލޫމާތުވެސް މިނިސްޓަރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވައިފައެވެ.