މަސްތުވާތަކެތީގެ މައްސަލަތައް

ބިރުވެރި މެސެޖެއް: އެންމެ 8 އަހަރުގެ ކުދީން މަސްތުވާތަކެތި ބޭނުންކުރަން ފަށައިފި، ހުރިހާ އަތޮޅަކަށް ފެތުރިއްޖެ

އިބްރާހިމް ޒަކީ

1

މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި އިތުރަށް ނުރައްކާ ވަމުން ދާ ކަމަށާއި، މިހާރު އަށް އަހަރުން ފެށިންގެން މަސްތުވާ ތަކެތި ބޭނުންކުރަން ފަށައިފި ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ މަސްތުވާތަކީގެ ހާލަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މައުލޫމާތު ދެއްވަމުން، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން އެންމެ ގިނައިން މަސްތުވާތަކެތި ބޭނުން ކުރަނީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށްވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތި ވިއްކުމުގައި ކުޑަކުދީން ބޭނުންކުރުން އިތުރުވެފައިވާއިރު، އެކަމުގައި ބޭނުންކުރަނީ ކުޑަކުދީންނާއި ބިދޭސީން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރެމުންދާ ނުރައްކާތެރި މިންވަރު ފާހަގަ ކުރައްވައި ސަފިއްޔާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ނުކުރާ އަތޮޅެއް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ. އެކަމަކީ ވަރަށް އަވަހަށް އެޓެންޑް ވާން ޖެހޭ ކަމެއް ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

ސަފިއްޔާ ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އުމުރު ފުރައަށް ވަރަށް ބޮޑު ބަދަލެއް އައިސް ފުޅާ ވެފައިވާ ކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރުގެ ޑޭޓާއަށް ބަލާއިރު 22 އަހަރާއި 37 އަހަރާ ދެމެދުގެ މީހުން މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަވި ނަމަވެސް މިހާރު އެ އުމުރުފުރާ 17 އަހަރާއި 68 އަހަރާ ހަމައަށް ފުޅާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.