ޚަބަރު

އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ޝާހިދުއަށް، ރައީސް މަރުހަބާ ދަންނަވައިފި

އައިޝަތު ނިއުޝާ

އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަރުހަބާ ދަންނަވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ރައީސް ސޯލިހު ހަވާލުވެވަޑައިގެންނެވީ ރޭ ރާއްޖޭގެ ގަޑިން ދަންވަރުގެ ވަގުތެއްގަ އެވެ.

"ޝާހިދު އދ. ގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަކީ ރާއްޖޭގެ ފޮރިން ޕޮލިސީގައި ތާރީހީ ވަގުތެއް. އަދި އެއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަކަމުގެ ހެއްކެއް." ރައީސް ސޯލިހުގެ ޓްވީޓްގައި ވެއެވެ.

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ޝާހިދު ވަނީ ތަގުރީރުކުރައްވައިފައެވެ. އެގޮތުން ފުރަތަމަ ތަގުރީރުކުރެއްވީ ދިވެހި ބަހުންނެވެ. ޝާހިދު ވިދާޅުވީ، ‎މިއަދު މި ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގެ ދަށުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ހޯދަމުން އަންނަ މަތިވެރި މަގާމު ކަމަށެވެ. ‎ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"‎މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން މިދަނީ ބައިނަލްއަގުވާމީ އެންމެ އުސް ކުރިބޯށީގައި. ދިވެހި ގައުމުގެ ފަހުރުވެރި އަބުތޯލުންގެ މަތިވެރި ޖިހާދާއި ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މި ދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި،" ޝާހިދު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މިދިޔަ ޖޫން މަހުގެ އަށްވަނަ ދުވަހު ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 143 ވޯޓުންނެވެ. އަދި މިނިސްޓަރު ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

ރައީސް ސޯލިހުގެ ޓުވީޓު ---