ހުޅުމާލޭގައި ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ފްލެޓެއްގައި ހޮޓަލަކަށް ކައްކަން ބަދިގެ ހެދި މައްސަލަ ފެންމަތި ވެ, އެކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރޭ ވިދާޅުވީ، ހިޔާ ފްލެޓްތައް ދޫކުރީ އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަކޮށް، ވަރަށް ގިނަ މަރުހަލާތަކެއް ނިންމުމަށްފަހު އެންމެ އެކަށީގެންވާ ފަރާތްތަކަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހިޔާ ފްލެޓްތައް ކުއްޔަށް ދޭ މައްސަލަ ފާހަގަވެފައިވާކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ، އެތަން ކުއްޔަށް ދޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދެން މިކަހަލަ ކަންތައްތައް އަޅުގަނޑުމެން އެގްރީމަންޓްގައި ފާހަގަކޮށްފައި ވިޔަސް އަބަދުވެސް ގޮސް މީހުން ކައިރީގައި އަހައި އެހެން ނުބެލޭ. ނަމަވެސް އަޅުގަނޑުމެންނާ ހަމައަށް ޝަކުވާއެއް އައިސްފިނަމަ އެއަށް އަޅުގަނޑުމެން އެޓެންޑް ކުރަން." ސުހައިލް ވިދާޅުވި އެވެ.
ފްލެޓްތަކުގެ އެގްރީމަންޓާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ. އެގޮތުން ޖޫރިމަނާކުރުމާއި ނަސޭހަތް ދިނުން ފަދަ ކަންކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.
ފްލެޓް ބޭނުންކުރުމުގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް ކަންތައްތައް ކުރާނަމަ ފިޔަވަޅު އަޅާނެ ކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ފްލެޓެއްގައި ހުސް ބިދޭސީން އުޅެ، އެތަން ހޮޓަލަކަށް ކައްކަން ބަދިގެއަކަށް ހެދި މައްސަލައަކާވެސް ކުރިމަތިވި ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަހުރި ހަމަ މީގެ ކުރިން ރިޕޯޓް ލިބިފައި މިސާލަކަށް ސޯޝަލް ހައުސިން ފްލެޓެއްގައި ބޭރު މީހުންނޭ އުޅެނީ. އަޅުގަނޑުމެން ހަމަ ގޮސް ބަލާއިރުގައި ހޮޓަލަކަށް ބަދިގެ ހަދާފައި މިހުންނަނީ. މިއީ ހަމަ ދިމާވި ކަމެއް. އެތާނގައި ހުސް ބޭރު މީހުން އުޅެނީ. އެ ޝަކުވާއަކީ ބަދިގެ ހިންގާތީ އުނދަގޫވެގެން. އެ ކަމާ ގުޅިގެން އަޅުގަނޑުމެން ފުރަތަމަ ޖޫރިމަނާ ކުރީ. ފަހުން އެ ޝަކުވާ އަޅުގަނޑުމެންނަކަށް ނާދޭ" ސުހައިލް ވިދާޅުވިއެވެ.
ފްލެޓެއްގައި ހޮޓަލަށް ކައްކަން ބަދިގެ ހެދި މައްސަލައަކަށް ފިޔަވަޅު އެޅިކަމަށް ސުހައިލް ވިދާޅުވި ނަމަވެސް އެއީ ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ކޮން މަޝްރޫއެއްގެ ފްލެޓެއް ކަމެއް ވިދާޅެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު