އިލެކްޓްރޯނިކް މުއާސަލާތުގެ ޒަރީއާއިން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ގާނޫނީ ހައްސިޔަތު ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލު މަޖިލީހަށް ބަލައިގަނެއް އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދެވެ. މި ބިލު މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 45 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ، އެއްބަސްވުމެއްގެ ބައިވެރިން އެހެން ގޮތަކަށް ކަނޑަ ނާޅާ ހިނދަކު، އެއްބަސްވުމެއް އެކުލަވާލުމުގައި، އެ އެއްބަސްވުމެއްގެ ހުށަހެޅުމާއި ގަބޫލު ކުރުން އިލެކްޓްރޯނިކް ޒަރީއާއިން ހިންގިދާނެ ކަމަށެވެ.
އެއްބަސްވުމެއް އެކުލަވާލުމުގައި އިލެކްޓްރޯނިކް މުއާމަލާތް ބޭނުން ކޮށްފައިވާ ހާލަތެއްގައި، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ އެއްބަސްވުމަކީ ގާނޫނީ ގޮތުން ސައްހަ ނޫން، ނުވަތަ ތަންފީޒު ނުކުރެވޭނެ އެއްބަސްވުމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިލެކްޓްރޯނިކް ސޮޔަށް ގާނޫނީ ބާރު ދިނުމަށް މި ބިލުގެ 26 ވަނަ މާއްދާގައި ބުނެފައި ވަނީ، ގާނޫނަކުން މީހެއްގެ ސޮޔެއް އޮތުން ލާޒިމް ކޮށްފައިވާ ހާލަތެއްގައި ޑޭޓާ މެސެޖެއްގައި ބޭނުން ކޮށްފައިވާ އިލެކްޓްރޯނިކް ސޮޔަކީ، އެންމެހައި ހާލަތްތަކަށާއި، ކަމާ ގުޅޭ އެއްބަސްވުމެއް ވެފައި ވާނަމަ އެ އެއްބަސް ވުމަކަށް ރިއާޔަތް ކުރާއިރު، އެ ޑޭޓާ މެސެޖު ޖެނެރޭޓް ކުރި ނުވަތަ މުއާސަލާތު ކުރި މަގުސަދު ހާސިލު ކުރުމަށް ބަރޯސާ ވެވިދާނެ އަދި ބޭނުންތެރި އިލެކްޓްރޯނިކް ސޮޔެއް ކަމަށް ވާނަމަ، އެ ސޮއި އޮތުމަށް ގާނޫނީ ގޮތުން ލާޒިމް ކޮށްފައިވާ ޝަރުތު ފުރިހަމަ ވީ ކަމަށް ބަލަން ވާނެ ކަމަށެވެ.
ޑޭޓާ މެސެޖު ތަކަަށް ގާނޫނީ ހައިސިއްޔަތު ދޭންވެސް ބިލުގައި ހިމަނާފައި ވެއެވެ.
ބިލުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ ޑޭޓާ މެސެޖެއްގެ ސިފައިގައި މައުލޫމާތެއް އޮންނަ އޮތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ މެސެޖަކީ ގާނޫނީ ހައިސިއްޔަތެއް ނެތް، ނުވަތަ ގާނޫނީ ގޮތުން ސައްހަ ނުވާނެ، ނުވަތަ ގާނޫނީ ގޮތުން އެ މައްޗަށް އަމަލު ނުކުރެވޭނެ އެޗެއް ކަމަށް ބަލައިގެންވާނެ ސަބަބެއް ނޫން ކަމަށެވެ.
ޑޭޓާ މެސެޖުތަކަށް ވީތީ އެ ސަބަބުގެ މައްޗަށް ބިނާކޮށް ޝަރީއަތެއްގައި ޑޭޓާ މެސެޖެއް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނޭ ގޮތަށް ހެއްކާ ބެހޭ އުސޫލުތައް ތަސްބީގު ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް