ޚަބަރު

ވެމްކޯއިން ދެމުން އަންނަ ކުނި ނެގުމުގެ ހިދުމަތަށް މާދަމާއިން ފެށިގެން ބަދަލުތަކެއް

އައިޝަތު ނިއުޝާ

ވެމްކޯއިން ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކަށް ފޯރުކޮށްދެމުން އަންނަ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު ވެމްކޯއިން ނެރުނު ނޫސް ބަޔާނުގައި ވަނީ، 15 ސެޕްޓެމްބަރު، (މާދަމާ) އިން ފެށިގެން އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކުނި ނެގުމުގެ ހިދުމަތްތައް ލިބޭނީ ރަޖިސްޓްރީ ކޮށްފައިވާ، އަދި މަހުން މަހަށް ފައިސާ ދައްކަމުން އަންނަ ގޭބިސީ ތަކަށް އެކަނި ކަމަށެވެ.

އެގޮތުން ކުނި ނެގުމުގެ ހިދުމަތަށް ކުރިން ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް، ފީ ނުދައްކާ ގޭބިސީތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ފާއިތުވެދިޔަ ތިން މަސް ދުވަހުގެ ބިލްތައް ފިޔަވައި ބާކީ ހުރި ވެމްކޯގެ ބިލަށްވާ ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށެވެ. ކުނި ނެގުމަށް އިމާރާތަށް ވަންނަ ވެމްކޯގެ ވެށި ފާރަވެރީންނަށް ފަސޭހައިން ކުނި ނަގައި ބޭލޭނެ އިންތިޒާމެއް ހަމަޖަސައްސައި ދިނުމަށްވެސް އެދިފައިވެ އެވެ.

އޭގެ އިތުރުންވެސް، ކޮންމެ ގޭބިސީއަކުން ދުވާލަކު އުކާލެވޭނީ ދުވަހު ކުނީގެ މިންގަނޑަށް ފެތޭ މެދު (40 ލީޓަރު) ސައިޒުގެ ތިން ޑަސްބިން ކޮތަޅުގެ ކުނި ނުވަތަ ކަޅު ޑަސްބިން ކޮތަޅު (120 ލީޓަރު) ގެ ކުނި ކަމަށްވެސް ވެމްކޯއިން ބުނެފައިވެ އެވެ. އަދި ދުވަހު ކުނީގެ ގޮތުގައި ބަރު އަދި ބޮޑެތި ކުނި އުކާލުމަށް 1666 އަށް ގުޅައި ކެޕްސް (ދަތުރެއް) ނުވަތަ ކެޕްސް ލައިޓްގެ (ވަކި އައިޓަމަކަށް) އެދުމަށް ވެސް ވެމްކޯއިން ބުނެފައިވެ އެވެ.

ވެމްކޯއިން އިތުރަށް ބުނީ، އެ ކުންފުނީގެ މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިތުރަށް ތަރައްގީ ކުރުމަށް ޓަކައި ސައިޓުގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ޖެހުމުން، އަމިއްލައަށް ސައިޓަށް ގޮސް ކުނި އުކާލުމަށް ޓަކައި ދޫކޮށްފައިވާ ވެމްކޯގެ ޑީ-ކާޑުގެ ހިދުމަތްވެސް މާދަމާއިން ފެށިގެން މެދުކެނޑޭނެ ކަމަށެވެ. އެފަދަ ކަސްޓަމަރުން އެ ކުންފުނީގެ ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓްރީ ކުރުމަށް ވަނީ އެދިފައެވެ.

ފުރަމާލެ ސަރަހައްދުގައި ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، މާލެއިން 18:00 އިން 23:00 އަށެވެ. އަދި ވިލިމާލެއިން 20:00 އިން 23:00 އަށެވެ. އަދި ހުޅުމާލެއިން 20:00 އިން 23:00 އަށެވެ.