ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު ފަރުމާކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް 24 ގަޑިއިރުގެ އޮފީސްތަކަށް ޝަކުވާ ހުށަހެޅޭނެ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޑިޖިޓަލް ހިދުމަތްތައް ތައާރަފުކުރާ އިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރި ކޮށްދޭން ޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތުތައް ކަމަށެވެ. އިންޓަނެޓްގެ ޒަރީއާއިން ހިންގާ އެކި ޖަރީމާތަކުން ރައްޔިތުން ހިމާޔަތް ކޮށްދިނުމަކީ ވެސް ކުރަން ޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، "ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމާޔަތް ކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުން. އަދި ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ހިދުމަތްތަކަށް ރައްކާތެރި ވެއްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބާ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ،" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް19ގެ ދަތިކަމުގައި ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި، ޑިޖިޓަލް ކޮށް ހިދުމަތް ފޯރުކޮށްދިނުމާއި ހިދުމަތް ލިބިގަތުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެންދިޔަ ކަމަށެވެ.

"ފުރަބަންދުގައި ތިބެގެން ކިޔަވައިދިނީ ޑިޖިޓަލް ކްލާސްރޫމްތަކެއްގައި. ވިޔަފާރި އާއި އިގްތިސޯދީ ކިތަންމެ މުއާމަލާތެއް ހިންގީ ޑިޖިޓަލް ވަސީލަތްތަކުން. ސަރުކާރުގެ ވަރަށް ގިނަ ހިދުމަތްތައް ދެމުން އައީ އޮންލައިންކޮށް."

މީގެ އިތުރުން އިގްތިސޯދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިގްތިސޯދަކާ ދިމާލަށް ގައުމު ގެންދިއުމަކީވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށާއި، އެކަމަށް ޓަކައި، ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ހިދުމަތްތައް ޑިޖިޓަލްވެގެން އަންނަ އިރު، ސަރުކާރު އޮފީސްތަކަށް އާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ ކަމަށެވެ. މިއީ، ރައްޔިތުންނަށް ހިދުމަތް ދެއްވަން ތިއްބެވި، ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަން ޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އިފްތިތާހު ކޮށްދެއްވި، ގަވް ޑޮޓް އެމްވީ މެސެޖުގެ ގެ ތެރެއިން ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެން ދާއިރު، އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަން ކުރެވޭނީ، އާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަން ނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ގާއިމުކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.

ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ހިދުމަތް ދިނުމުގައި ހިފަހައްޓަން ޖެހޭ އާންމު މިންގަނޑުތަކާއި ހިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް އާންމުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމެއް އޮފީސްތަކުގައި ގާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރވިސް ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ނުލިބޭ ނަމަ، ހަމަ މިނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.