މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ މައްސަލަތަކާ މެދު، އެއްބަސް ނުވެވިގެން އެ މައްސަލައަށް ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ނައި ބުރައީސް އީވާ އަބުދުﷲ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އާއި، އެ ކައުންސިލްގެ މެންބަރުން މިމަހު ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ނަމަވެސް އެ މަޝްވަރާތަކަށްފަހު، ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައި ފާސް ކުރުމުގެ ކުރިން މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަޖިލީހަށް ހުށހަޅަން އެފަރާތްތަކުން އެއްބަސްވި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން މިމަހު ނުވަނަ ދުވަހު އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އެމައްސަލަތައް މަޖިލީހުން ހައްލުކޮށްދިނުމަށް ހުށަހަޅާފައިވާ ސިޓީން ހަތް މައްސަލައެއް ހައްލު ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އެ ސިޓީން ފާހަގަ ކުރެވެނީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ މައްސަލަތައް ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަތައް ބަލައި ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.