ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުކަން ކުރެއްވި އަލީ ނަދީމާއި އިސްމާއިލް ޝަފީއު އައްޔަން ކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރިމިނަލް ކޯޓުގެ އިތުރުން ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ވަނީ ފަނޑިޔާރުން އައްޔަނުކުރައްވައިފައެވެ.
އެގޮތުން ބ. އޭދަފުށި ކޯޓުގެ މެޖިސްޓްރޭޓް ކަމަށް މަރިޔަމް އިފްހާމް ނާޝިދު އައްޔަންކޮށްފައިވާ އިރު، ގއ. ކޮލަމާފުށި ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ވިޝާހް ވަޖީދު ވަނީ އައްޔަނުކޮށްފައެވެ. އަދި ފުވައްމުލަކު ސިޓީގެ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަބްދުއް ސަލާމް ވަނީ އައްޔަނުކޮށްފައެވެ.
އަލަށް އިންތިހާބުވި ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ. އަދި އެ ފަނޑިޔާރުންނަށް މަގާމުގެ ފަތްކޮޅު އެރުވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަލަށް އިންތިހާބުވާ ފަނޑިޔާރުން ގާނޫނުއަސާސީއާއި ގާނޫނުތައް ފުރިހަމައަށް ނަގަހައްޓަން ޖެހޭނެ ކަމަށެވެ. އަދި މަތީ ކޯޓުތަކުގެ ގައިޑްލައިންތަކާއި ގަޒިއްޔާތަކަށް ދަށު ކޯޓުތަކުން އަމަލުކުރުން މުހިންމު ކަމަށާއި އެކަމުގެ ސަބަބުން ހުކުމްކުރުމުގައި ހުރި ތަފާތުވުންތައް ނައްތާލެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ އުޑުގެ ބަރުމިނާ އެއްވަރުގެ ޒިންމާއެއް ކަމަށާއި އެހެންކަމުން ތެދުވެރިވެ، ހަސްމުންގެ ދެމެދުގައި ތަފާތުނުކޮށް، ހުކުމް ކުރުމުގައި ދެމިތިބެންޖެހޭ ކަމަށެވެ.
ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވިދާޅުވީ ފަނޑިޔާރުގެތައް މިއަދު ބަދަލުވެއްޖެ ކަމަށާއި އެ ބަދަލުތައް ގެނެސްދިނީ ފަނޑިޔާރުން ކަމަށެވެ. އަދި މިއަދު ގާނޫނުއަސާސީގައި ތަސައްވަރުކޮށްފައިވާ ކަހަލަ ފަނޑިޔާރު ގެއަކަށް ވާސިލުވެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ކުރަމުންދާ މަސައްކަތަކީ މުޅި ޖުޑީޝަރީއަށް ކުރާ އިތުބާރު ދެމެހެއްޓުންކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ، ކަމެއް އިސްލާހުކުރުމަށް މަސައްކަތް ކުރާ ނަމަ، އެކަމުގައި ކާމިޔާބު ލިބިގެންދާނެ ކަމަށާއި މިއަދު ރާއްޖޭގެ ޖުޑީޝަރީއަކީ އެކަމުގެ ސާފު ހެއްކެއް ކަމަށެވެ.