މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތް ފާހަގަކޮށް، އޭނާއަށް އިންޓަނޭޝަނަލް ޖެންޑާ ޗެމްޕިއަން ލަގަބު އަރުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ނިއުޔޯކުގައި ތިއްބަވާ އަންހެން ސަފީރުންނާއެކު މިނިސްޓަރު ޝާހިދު ބޭއްވި ބައްދަލުވުމެއްގައި އެ ލަގަބު އަރުވާފައިވަނީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރެވިފައިވާ އޮފީހަކަށް ހައްދަވާނެ ކަމަށާއި މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުވެފައިވާ ޕެނަލްތަކުގައި ކަމަށް ވެވަޑައިގެންނެވި ވައުދު ފާހަގަކުރައްވަމުން ކަމަށެވެ.

އަދި މިންތީގެ ހަމަހަމަކަމާއި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ގުޅޭ ތަމްރީނުތައް ފުރިހަމަކުރުމަށް މިނިސްޓަރު ޝާހިދުގެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރުވާނެ ކަމަށް ނިންމެވި ނިންމެވުމަށްވެސް ސަފީރުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މިނިސްޓަރު ޝާހިދުގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ދެބައިކުޅަ އެއްބަޔަކީވެސް އަންހެނުންނެވެ.