ކްރިސްޓިއާނޯ ރޮނާލްޑޯ

ސީއާރް7: އެންމެ އައިކޯނިކް ބްރޭންޑު އޯލްޑް ޓްރެފޯޑަށް ތައްޔާރު!

ޕޯޗުގަލްގެ މަޑޭރާގެ ދަރިއެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ހަމައެކަނި ފުޓުބޯޅައިގެ ރަމްޒެއް ނޫނެވެ. ޔަގީނުންވެސް ފުޓުބޯޅަ އުފެއްދި އެންމެ ބޮޑު ބްރޭންޑެވެ. ދުރުދުރުން އެވާހަކަ ދައްކަން ޖެހޭ ސަބަބެއްވެސް ނެތެވެ. "ސީއާރް7" އަކީ ހަމައެކަނި ދަނޑުމަތީ ބްރޭންޑެއް ނޫނެވެ. އައީ ދުނިޔޭގެ އެންމެ އައިކޯނިކް އެއް ބްރޭންޑެވެ. ދަނޑުމަތީގެ ނަންބަރުތައް ހައިރާން ކުރުވަނިވިއެވެ. ކުޅުމުން ހޯދި ލޯބި ނަމަވެސް، ބޯޅައަކާ ނުލައިވެސް މިއަދު ރޮނާލްޑޯގެ ބްރޭންޑް ހިނގާނެއެވެ. އެއީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އެކަން އޮތް ގޮތެވެ. އެނބުރި "ހޯމް"އަށް އައިސް މިރޭގެ މެޗަށް ނުކުންނަން ރޮނާލްޑޯ ތައްޔާރަށް ހުރި އިރު، ޕްރިމިއާ ލީގަށް އަނެއްކާވެސް ގެނައީ އިންގިލާބެކެވެ.

ޔަގީނެވެ. ރޮނާލްޑޯ އަކީ ނަންބަރު ހަތެކެވެ. "ސީއާރް7" ބްރޭންޑްގެ ނަންބަރުގެ ރަމްޒަކީ ހަތެކެވެ. އެ ނަންބަރު ކޮންމެހެނެއްވެސް ރޮނާލްޑޯއަށް ލިބެން ޖެހެއެވެ. އެކަން ހިނގީވެސް އެގޮތަށެވެ. ޖޯޖު ބެސްޓާއި ބްރައިން ރޮބްސަން އަދި އެރިކް ކޮންޓެނާ ފަދަ ލެޖެންޑުން ލި ޖާޒީ ނަންބަރު ހަތެއް ރޮނާލްޑޯއަށް ދޭން ޔުނައިޓެޑުން ކޮށާލީ އަވަސް މަގެކެވެ. ރޮނާލްޑޯ ދިޔައިރު އެޑިސަން ކަވާނީ އަތުގައި ހަތް ނަންބަރު އޮތް ނަމަވެސް، ޑެނިއަލް ޖޭމްސް ލީޑްސްއަށް ވިއްކާލައި، ޖޭމްސް ލަމުން ދިޔަ 21 ނަންބަރު ޖާޒީ ކަވާނީއަށް ދީ، ހަތް ނަންބަރު ދިނީ ރޮނާލްޑޯއަށެވެ. "ވިން ވިން" ހާލަތެކެވެ. 21 އަކީ ކަވާނީގެ ރަސްމީ ނަންބަރެކެވެ. ރޮނާލްޑޯގެ ހަތް ނަންބަރާއެކު ޔުނައިޓެޑްގެ ޖާޒީތައް މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ގަނެލިއެވެ.

ރޮނާލްޑޯގެ ހަތް ނަންބަރު ޖާޒީގެ ރެޕްލިކާ ކިޓް އެންމެ ދުވަހަކުން ޔުނައިޓެޑުގެ ރެކޯޑު މުގުރާލިއެވެ. ކިޓް ވިއްކުމުގެ ދުނިޔޭގެ ރެކޯޑު އެކަންޏެއް ނޫނެވެ. ރޮނާލްޑޯ ގުޅުނުކަން އިއުލާންކުރުމަށް ޔުނައިޓެޑުން ކުރި އިންސްޓާ ޕޯސްޓަށް 13 މިލިއަން ލައިކް ލިބި، އެވެސް ވީ ރެކޯޑަކަށެވެ. ކުޅިވަރު ތާރީހުގައިވެސް އެއީ ކްލަބެއްގެ އިންސްޓާ ޕޯސްޓަކަށް ލިބުނު އެންމެ ގިނަ ލައިކެވެ. ޓުވިޓާގައި ރޮނާލްޑޯގެ ޓްރާންސްފާ ވާހަކަ ޓެރެންޑްވެ، ހަތް ލައްކަ ފަހަރަ މެންޝަން ކޮށްފައިވެއެވެ. ވާދަވެރި ލިއޮނަލް މެސީ، ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ދިޔަ ޓްރާންސްފާގެ ސޯޝަލް މީޑިއާ ރެކޯޑުތައް މުގުރާލިއެވެ. "ސީއާރް7" އާއި މާ ބިޔަ "ރެޑް ޑެވިލްސް"ގެ ފޭން ބޭސް އެކުވުމުން ސޯޝަލް މީޑިއާ ފަތަހަކުރިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޕޯޓްސް ބްރޭންޑް ނައިކީގެވެސް އެންމެ ބޮޑު ރައުސުލްމާލު "ސީއާރް7" ގެ އެނބުރި އައުމާއެކު މުޅި މެންޗެސްޓާ ޔުނައިޓެޑުގެ ސްޓޭޑިއަމް ވަށައިގެން ޖަހާފައިވާ ޕޯސްޓަރުތައްވެސް ބަދަލުކޮށް، އާކޮށްލައިފިއެވެ. ނިއުކާސަލް މެޗަށް ޓިކެޓުތައް ވިކި ހުސްވީ އެންމެ ސަބަބަކަށެވެ. ރޮނާލްޑޯ އޭނާގެ "ތިއޭޓާ އޮފް ޑްރީމްސް"ގެ ޓަނަލްއިން ނުކުންނަ މަންޒަރަށް ކުރެވޭ އިންތިޒާރު ބޮޑުކަމުންނެވެ.

ފުޓުބޯޅައިގެ ތެރެއިން، ކްލަބުތަކުގެ ތެރެއިން އެތައް މަޝްހޫރު ކަމެއް ކުޅުންތެރިން ހޯދި ނަމަވެސް ރޮނާލްޑޯ ބިނާކުރި ޕްލެޓްފޯމް މާ ބޮޑަށްވެސް ތަފާތެވެ. މެސީ ފަދަ އެންމެ ލެޖެންޑަރީ ކުޅުންތެރިންގެ އިޝްތިހާރުތަކާއި އެންޑޯސްމަންޓްތަކުންވެސް އެ ތަފާތު ފެންނާނެއެވެ. މެސީގެ އިޝްތިހާރުތަކުންވެސް ބޮޑަށް ދައްކާލަނީ އޭނާގެ ފުޓުބޯޅަ ހުނަރާއި، އޭނާގެ ފުޓުބޯޅަ ފަޅިއެވެ. އެ މަންޒަރު ރޮނާލްޑޯގެ އިޝްތިހާރުތަކުގައި ތަފާތެވެ. ރޮނާލްޑޯ ޝޭމްޕޫ ފުޅިއެއްގައި ހިފަހައްޓާލައިގެން ހުއްޓަސް އެވަރުން ފުދެއެވެ. ރޮނާލްޑޯގެ ބޭނުންކޮށް، ބްރޭންޑެއް އިޝްތިހާރު ކުރަން ބޭނުން ވަނީ އޭނާގެ މޫނެވެ. އެއީ ބައެއް ނަފުރަތު ރޮނާލްޑޯއަށް އަމާޒުވާ ސިސްޓަމެއް ނަމަވެސް، ރޮނާލްޑޯގެ "ޓެކްނީކް" ބަދަލެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. ކުރަން ނުޖެހޭނެކަން އޭނާގެ ހޮޓެލް ޗެއިންއާއި ސެންޓް ބްރޭންޑުގެ އިތުރުން އެކިއެކި ފެޝަން ބްރޭންޑުތަކުން ސާފެވެ. އެއީ ރޮނާލްޑޯއެވެ. ފުޓުބޯޅައިގެ ވާދަވެރިކަމުގެ "ހޭޓް" އޭނާއަށް ކުރާ ބަޔަކު އުޅުނު ނަމަވެސް، އެވަރުގެ އައިކޯނިކް ބްރޭންޑެއް ނެތްކަން ސާފެވެ.

"އަހަރެން މިހުރީ ތައްޔާރަށް. އަހަންނަށް އަދިވެސް ވާނެކަން ސާބިތު ކޮށްދޭން ބޭނުން. އަހަރެން ޔުނައިޓެޑަށް އެނބުރި އައީ ޗުއްޓީއަކަށް ނޫން،" ޔުނައިޓެޑުގެ ޗެލެންޖަށް ރޮނާލްޑޯ ބުނީ މިހެންނެވެ. ދަނޑުމަތީގެ ނަންބަރުތަކުން އޭނާއަށް ޝައްކެއް ކުރެވޭކަށް ނެތެވެ. ކްލަބުތަކަށް ކުޅުނު 887 މެޗުން ރޮނާލްޑޯ ވަނީ 674 ގޯލު ޖަހައިފައެވެ. ކުރިން ޔުނައިޓެޑަށް ކުޅުނު 292 މެޗުން ރޮނާލްޑޯ 118 ގޯލު ޖެހިއެވެ. އުމުރުން 36 އަހަރު ނަމަވެސް ރޮނާލްޑޯގެ ނަންބަރުތައް އަދި ދަށަށް ގޮސްފައެއް ނުވެއެވެ.

ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްސްޖާއަށް އޮތީ ޕްރެޝަރެއް ނަމަވެސް، އެ ޕްރެޝަރު ހޭންޑަލް ކުރަން ރޮނާލްޑޯ ހުރުން އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަށް ވާނެއެވެ. ޔުނައިޓެޑަކީ މިހާރު ލީގަށް ވާދަކުރަން ޖެހޭނެ ޓީމެކެވެ. ރޮނާލްޑޯގެ ނަން ހިމަނައިގެން ނުކުންނަ ޓީމަކުން ހަމައެކަނި ލީގަށް ޓާގެޓުކުރަނީ ކީއްކުރަން ހެއްޔެވެ. ޗެމްޕިއަންސް ލީގަށްވެސް ވާދަކުރަން ޖެހޭނެއެވެ. މިއަދު ނިއުކާސަލްއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނަ މެޗަކީ އެ ދަތުރު ފެށޭނެ މެޗެވެ.

"ރޮނާލްޑޯ ދަނޑުން ފެންނާނެ. އެއީ ޔަގީން ކަމެއް. ކޮންމެ ވެސް ހިސާބެއްގައި ފެންނާނެ." ސޮލްސްޖާ ޕްރި މެޗު ޕްރެސްގައި ބުނެފައިވެއެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ. ޔުނައިޓެޑުގެ ހުރިހާ ސަޕޯޓަރުންގެ ހިތްތައް އުފަލުން ފޮޅުވާލާނެ ދުވަހެކެވެ. ފުޓުބޯޅައިގެ އެންމެ އައިކޯނިކް ބްރޭންޑް "ސީއާރް7" އަނެއްކާވެސް އޯލްޑް ޓްރެފޯޑަށެވެ.