މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އިދިކޮޅުން މިއަދު މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގަތް މައްސަލަ ބަލާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

"އިންސާފު ހޯދަން" މި ނަމުގައި މިއަދު ހަވީރު މުޅި ރާއްޖޭގައި އިދިކޮޅުން އިހުތިޖާޖު ކުރި އިރު، މާލޭގެ އެއްވުން ފަށާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އޮފީސް ދޮރުމަތިންނެވެ. އެއްވުމުގެ ބައިވެރިން ކާނިވާ ސަރަހައްދަށް މިސްރާބު ޖެހި ނަމަވެސް ފުލުހުން ހުރަސް އެޅުމުން އަނެއްކާވެސް އައީ އެ ޕާޓީގެ އޮފީސް ދޮރުމައްޗަށެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ހުންނަ ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހިގެ ކައިރިއަށް އެއްވެ، މުޒާހަރާގެ ބައިވެރިން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލިއެވެ.

އެއާ އެކު ރައީސް ޔާމީން ވަނީ ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ޕީޕިއެމްގެ ދިދައަކާއި ގައުމީ ދިދައެއް ސަޕޯޓަރުންނަށް ވިހުރުއްވިއެވެ. އަދި އެ މީހުންނަށް އަތްޕުޅުން އިޝާރާތް ކުރައްވައި ވާހަކަފުޅުތަކެއް ދައްކަވާތީވެސް ފެނުނެވެ.

އެކަމާއި ގުޅުގެން ކޮމިޝަނަރު އޮފް ކަރެކްޝަން އަހުމަދު މުހައްމަދުފުޅު މިރޭ ވިދާޅުވީ، ރައީސް ޔާމީން މިއަދު އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގުރާރާ ހިލާފަށް ކަމަށެވެ.

"އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން،" އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާފައި ހުންނަވަނިކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ މާފުށީގައި ހަލުވިކަމާއެކު ކޮވިޑު ފެތުރި ޖަލުގެ ބައެއް އޮފިސަރުން ޕޮޒިޓިވްވުމުންނެވެ.