އިންސާފު ހޯދުމުގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާދަމާ މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އެ ހިނގާލުމާ ގުޅޭ މައުލޫމާތު ދިނުމަށް ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ އެޓޯލްސް ކޯޑިނޭޝަން ޑިޕާޓްމެންޓްގެ ހެޑް އަދި މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ނިމާލް ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި ނެތް ހުރިހާ ރަށެއްގައި މާދަމާ ހަވީރު 16:00 އިން 18:00 އަށް އިންސާފު ހޯދުމުގެ ނަމުގައި ހިނގާލުން ކުރިއަށްދާނެ ކަމަށެވެ.

މާލޭގައި އެ ހަރަކާތް ފެށޭނީ ޕީޕީއެމްގެ އޮފީސް ކުރިމަތީން ކަމަށާއި އަތޮޅުތެރޭގެ ރަށްރަށުގައި އެ ރަށްރަށުގެ ޕީޕީއެމްގެ އޮފީސްތަކުގެ ކުރީމަތީން ކަމަށެވެ. އެ ހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއް ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަގުތަކަށް އެއްވާން މިޖެހުނީ މިރާއްޖޭގައި އިންސާފުން ކަންކަން ނުކުރެވޭތީ. އިންސާފު ރައްޔިތުންނަށް ހޯދައިދިނުމަށް" ނިމާލް ވިދާޅުވި އެވެ.

އިންސާފު ހޯދުމަށް އިދިކޮޅުން މާދަމާ ހިނގާލުމެއް ބާއްވަން ނިންމާފައިވާއިރު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މައްސަލަ ބެއްލެވި ބެންޗުގައި ހިމެނޭ ތިން ގާޒީން ކަމަށްވާ ގާޒީ ހުސައިން ފާއިޒާއި ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް ވަނީ ލީކު ކޮށްލައިފައެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީން މައްސަލައިގައި ހުކުމް ކުރުމަށް ގާޒީންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ފަނޑިޔާރުން އެކަން ވަނީ ދޮގުކުރައްވައިފައެވެ.