ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ރޭ 12:45ގައި މާލެ ހުޅުމާލެ ބުރިޖުގެ ހުޅުލެ ޓްރެފިކް ލައިޓު ކައިރީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ ޓްރެފިކް ލައިޓު ރަތްވެފައި ހުއްޓައި، އައި ސައިކަލެއް ލައިޓަށް މަޑުނުކޮށް ދިއުމުން ހުޅުމާލެއިން އެއާޕޯޓަށް ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ އިރު އެކަކަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އަނެއް މީހާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވަން އިނީ 31 އަހަރުގެ ފިރިހެނެެއް ކަމަށާއި އޭނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ. އަދި އަނެއް ސައިކަލުގައި އިނީ 24 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް އޮތް ކަމަށްވެސް ބުންޏެވެ.