ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ޕޮލެންޑާއި އިންގްލެންޑް ވާދަ ކުރި ފޯރިގަދަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ޕޮލެންޑްގެ ވާސޯގައި ކުޅުނު މި މެޗު 1-1 އިން އެއްވަރު ވެގެން ނިމިފައިވާއިރު، ރޭގެ މެޗަކީ ކޮލިފިކޭޝަންގައި އިންގްލެންޑަށް މޮޅު ނުވެވުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ފަހު ހާފްގައި ހެރީ ކޭން ޖެހި ހިތްގައިމު ގޯލަކާއެކު ލީޑު ނަގައި އިންގްލެންޑުން މޮޅުވާން ދިޔަނަމަވެސް، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޕޮލެންޑުން އެއްވަރުކުރީ ޒިމާންސްކީގެ ގޯލަކުންނެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މޮޅުވުމުގެ 100 ޕަސެންޓް ރެކޯޑެއް ދަމަހައްޓަމުން ރޭގެ މެޗަށް ނުކުތް އިންގްލެންޑުން މެޗުގެ ބޮޑު ބައެއްގައި ބޯޅަ ކޮންޓްރޯލް ކޮށް، ޕޮލެންޑަށް ނުރައްކާވެސް ކުރިއެވެ. ހަމަ އެއާއެކު އެޓީމަށް ހަވާލު ވެފައި އޮތް ބޮޑު ޑިފެންސިވް ޓާސްކް، ރޮބާޓް ލެވަންޑޯސްކީ މެޗުގެ ބޮޑު ބައެއްގައި ހިފަހައްޓައި، ރަނގަޅު ޑިފެންސެއް ވެސް ކޮށްފައިވެ އެވެ.
މެޗު ނިމެން 18 މިނެޓަށް ވެފައި ވަނިކޮށް ކޭން ޖެހި ގޯލަކީ ހާފުގެ މެދެއްހައި ހިސާބުން އޭނާ ފޮނުވާލި ބާރު ހަމަލާއެކެވެ. ބޯޅަ ގޯލްގެ ރޮނގު މައްޗަށް ތިރިވާނެހެން ނުރައްކާތެރި ގޮތަކަށް ކޭން ފޮނުވާލުމާއެކު ޕޮލެންޑް ގޯލްކީޕަރު ވޮޝެކް ޝެޒްނީ އަށް ބޯޅަ މަތަކުރަން ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ.
އެ ގޯލާއެކު އިންގްލެންޑުން މޮޅަކަށް މިސްރާބު ހިފި ނަމަވެސް ފަހު މިނެޓުކޮޅުގައި ޕޮލެންޑުން ނުރައްކާ ކުރި އެވެ. ހާއްސަކޮށް އެވަގުތު ލެވަންޑޯސްކީ ފެނުނީ ނުރައްކާ ކޮށެވެ. އޭގެ ނަތީޖާއަކަށް ވީ ލެވަންޑޯސްކީގެ ހިތްގައިމު ހުރަހަކުން ޒިމާންސްކީ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި ޕޮލެންޑުން ނަތީޖާ ހަމަހަމަ ކުރުމެވެ.
އިންގްލެންޑުން ކޮލިފިކޭޝަން ގްރޫޕް އައިގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް އަލްބޭނިއާ އަށް ވުރެ ހަތަރު ޕޮއިންޓް މަތީގަ އެވެ. ޕޮލެންޑުން ތިންވަނައިގައި އޮތްއިރު، ގްރޫޕުގައި ހަތަރު ވަނައިގައި މިވަގުތު އޮތް ހަންގޭރީއަށް ވެސް އަދި އުންމީދު އެބައޮތެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު