މިހާރުގެ މިޔުޒިކުގައި އެއްވެސް އޮށްޓަރެއް ނުހުންނަ ކަމަށާއި ލަވަކިޔުމުގެ ރިއަލިޓީ ޝޯތަކުގައި އެކްޓުކުރުން ނޫންކަމެއް ނުފެންނަ ކަމަށް ބުނެ އިންޑިއާގެ ތަޖުރިބާކާރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އިންޑަސްޓްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔަައިފި އެވެ.

އިއްޔެ 88 އަހަރުގެ އުފަންދުވަސް ފާހަގަކޮށްފައިވާ ލަވަކިޔުންތެރިޔާ މިހެން ބުނެފައިވަނީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގަ އެވެ.

އާޝާ ބުނީ މިހާރުގެ ލަވަތައް އަޑު ނާހާ ކަމަށާއި ނަމަވެސް ކުރީގެ ރާގުތައް އަޑުއެހުމަށް އަދިވެސް ލޯބިކުރާ ކަމަށެވެ. އޭނާ އިތުރަށް ބުނީ ލަވަކިޔުމުގެ ރިއަލިޓީ ޝޯ ތަކުގެ މަގުސަދަކީ ކުރު ހުދު ހެދުން ލުމާއި އެކްޓް ކުރުން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެކަމަކު ''ލަވަކިޔުމަށް ވުރެ ބޮޑަށް މިކަހަލަ ޝޯތަކުގައި އެކްޓުކުރުން ނޫން ކަމެއް ނުފެނޭ.'' އާޝާ ބޯސްލޭ ވަނީ ބުނެފައެވެ.

މިހާރުގެ މިޔުޒިކާ މެދު ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން އާޝާ ބުނީ މިހާރުގެ މިޔުޒިކު ކަމުނުދާ ކަމަށެވެ. މިހާރުގެ މިޔުޒިކު އަޑު ނާހާ ކަމަށާއި ނަމަވެސް ކުރީގެ ''މެހެދީ ހަސަން، ޕަންޑިތު ޖަސްރަޖް، ބިމްޗާންދު ޖޯޝީ'' ފަދަ މީސްމީހުންގެ މިޔުޒިކު އަޑު އެހުމަށް މިހާރުވެސް ޝައުގުވެރިވާ ކަމަށެވެ.

''މިހާރުގެ ލަވަކިޔުންތެރީން ގާތު ބައެއް ފަހަރު އަހާލަން ޖެހޭ ކާކުތޯ ލަވަކިޔަނީ. ޓެކްނޮލޮޖީ ވަނީ ކުރިއަރާފަ. ނަމަވެސް ލަވަކިޔުންތެރިންގެ ރޫހެއް ނުހުރޭ'' އާޝާ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނީ އެމީހުންގެ ޒަމާނުގައި ލަވަކިޔުމުގެ ފެންވަރު ރަނގަޅުކުރަން އެއްފަހަރަށްވުރެ އަނެއް ފަހަރު ގަދަ އަޅައި މަސައްކަތް ކުރާ ކަމަށެވެ. ''އަހަރެމެން ލަވަ ކިޔާއިރު އެއްފަހަރަށްވުރެ އަނެއް ފަހަރަށް ރަނގަޅުކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރަން. ކޮންމެ ލަވައެއްވެސް ކިޔަނީ މިއީ އެންމެ ފަހު ލަވައަށް ވެދާނެ ކަމަށް ވިސްނައިގެން." އުމުރުން 70 ފުރިގެން އައި އިރުވެސް ލަވަކިޔަމުން އަންނަ އާޝާ ބުނެފައިވެ އެވެ.

މިހާރުގެ ގިނަ ރިއޭލިޓީ ޝޯ ތަކާއިމެދު ގިނަ ބަހުސްތަކެއް މިދުވަސްވަރު އަންނަނީ ކުރެވެމުންނެވެ. އެގޮތުން ލަވަކިޔުމުގެ ހުނަރު ހޯދުމުގެ ބޭނުމުގައި ހިންގޭ މިފަދަ ރިއޭލިޓީ ޝޯތަކުގެ އަސްލު މަގުސަދު ގެއްލިފައިވާކަމަށް ބުނެ މިފަދަ ޝޯތައް އިންތިޒާމުކުރާ ފަރާތްތަކަށްގިނަ ފާޑުކިޔުންތަކެއް އަންނަނީ ލިބެމުންނެވެ.

ކުރީގެ ބައިވެރިންނާއި މީގެކުރިން ޖަޖުކަން ކޮށްފައިވާ ފަރާތްތަކުން ވަނީ، އެފަދަ ޝޯތަކުގައި ހުނަރަށްވުރެ ބައިވެރިންގެ ހަޔާތުގެ ވާހަކަ ގެނެސްދީ، އޭގެ އަސްލު މަގުސަދު ގެއްލެމުން އައިސްފައިވާކަން ފާހަގަކޮށްފައެވެ.

މިއަހަރުގެ އިންޑިއަން އައިޑަލްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި އަމިތު ކުމާރުވެސް ވަނީ އެޝޯއަށް ފާޑުކިޔާފައެވެ. ފުންނާބު އުސް ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ދަރިފުޅު އަމިތު، ޝޯ އަށްފަހު ދިން އިންޓަވިއުގައި ބުނެފައިވަނީ ބައިވެރިންގެ ހުށަހެޅުން ކަމުދޭތޯ ބެލުމެއްނެތި ބައިވެރިންނަށް ތައުރީފުކުރުމަށް އޭނާ ގާތުގައި އިންތިޒާމުކުރި ފަރާތުން އެދިފައިވާކަމަށް ބުނެފައެވެ.