ރިޕޯޓް

ހިބަރު ތުންގަނޑު ވަދެ މަރުވި ޒުވާނާ: މޫދަށް ފުންމާލީ ކޯމަސް ވީޑިއޯ ކުރުމަށް، ފަހު ބަހަކަށް "ހިބަރު ހިބަރު"

އައިޝަތު ނިއުޝާ

2

ބ. މާޅޮހުގައި ފީނަން ގޮސް އުޅުނު 33 އަހަރުގެ ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑެއް ހެރިގެން މަރުވި ހާދިސާއިން ގިނަ ބަޔަކަށް ވަނީ ސިހުމާއި ހިތާމަ ލިބިފަ އެވެ. އާދަމް އަބްދުއް ރަހީމް، މ.ލެގޫންވިއު، މާލެ (ދާނު) މަރުވީ ހިބަރު ތުންގަނޑު އޭނާގެ މެޔަށް ހެރުނުތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

ދާނުގެ ގާތް ރަހުމަތްތެރިޔާ، ބ. މާޅޮހު އަބްދުލް މަތީން "ވަން' އަށް ކިޔައިދިން ގޮތުގައި، ދާނު އަކީ 2017 ވަނަ އަހަރުން ފެށިގެން މާޅޮހުގައި ދިރިއުޅެމުން އަންނަ ވަރަށް ހީވާގި އަދި މީހުންނާ ގުޅޭ އެކުވެރި މީހެކެވެ. އޭނާ އެންމެ ފުރަތަމަ މާޅޮހަށް ދިޔައީ ޑައިވިންގް ސެންޓަރެއް ހަދަން ތަނެއް ހޯދަން ކަމަށެވެ. އެކަމުގައި އެހީތެރިވުމުގެ ގޮތުން އެވަގުތު ރަށުގައި ހުރި އެންމެ އާސާރީކޮށް ހަދާފައި ހުރި ތަން ދާނު އަށް ދެއްކި ކަމަށެވެ. އަދި އެއީ ރަށުގައި އެންމެ ދުވަސްވީ އިމާރާތްތަކުން އެއް އިމާރާތް ކަންވެސް މަތީން ފާހަގަކުރިއެވެ.

ކޮވިޑް ފެތުރިގަތުމާ ހަމަޔަށް ވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ވަރަށް ގިނަ ދަރިވަރުންތަކެއް ތަމްރީނު ކުރަމުން އައި މި ޑައިވިންގް ސެންޓަރު (މޯލްޑައިވާސް ޑައިވިންގް ސެންޓަރު)، އިން މާޅޮހުގެ ދަރިވަރުންނަށް ދާނު ތަމްރީނު ދެމުން އަީ ހިލޭ ކަމަށް މަތީން ބުންޏެވެ. ފޭސްބުކް ގައިވެސް 4000 އަށް ވުރެން ގިނަ މީހުން ލައިކް ދީފައިވާ މި ޑައިވް ސެންޓަރު މެދުވެރިކޮށް، މާޅޮހުގެ ގޮނޑުދޮށާއި، ރަށުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ވެސް ދާނު ދިޔައީ ބުރަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މަތީން ފާހަގަ ކުރި ގޮތުގައި ކޮންމެ ދުވަހަކުވެސް އެކަމަށް ހާއްސަކޮށްފައި ހުންނަ މީހަކު ޕްލާސްޓިކް ފަދަ ކުނިތައް ރަށުތެރެއިންނާއި ގޮނޑުދޮށުން ހޮވާ ކަމަށެވެ.

އޭގެ އިތުރުންވެސް އެކި މުނާސަބަތު ތަކާ ގުޅުވައިގެން، އަމިއްލައަށް އިސްނަގައިގެން މާޅޮހުގައި ސާފުކުރުމުގެ ތަފާތު އެތައް ޕްރޮގްރާމްތަކެއް ދާނު ވަނީ ހިންގާފައެވެ.

"ސިނގިރޭޭޓު ބުއި އިރު ފިލްޓަރެއްވެސް މޫދަށް އެއްލައެއް ނުލާނެ. ޖީބަށް އެހެން ނޫނީ ސިނގިރެޓް ފޮށްޓަށް ލާނީ. ދެން ޖީބުގަ އަބަދުވެސް އޮންނާނެ ވޯޓާ ޕްރޫފް ބޭގެއް. އެއަށް އެހެން ނޫނީ ލާނީ. މިޔަރު ބޭނުމާ މިކަހަލަ ކަންތައްތަކާވެސް ވަރަށް ދެކޮޅުވާނެ. މީހުންނާ އެހާ ގުޅޭނެ. މިތާ ހައުސް ރީފްގައި އުޅޭނެ ތިން ކަހަނބުވެސް. އޭއްޗިއްސަށް ނާނު ހުންނާނީ ނަންވެސް ދީފަ. ކިތަންމެ ކުޑަ މަހެއް ދެއްކިޔަސް ދާނުއަށް އޭގެ ނަން އިނގިރޭސިން ނޭނގޭ މަހެއް ނުދެއްކޭނެ" މަތީން ކިޔައިދިނެވެ.

މަތީން ކިޔައިދިން ގޮތުގައި ދާނު އަކީ ވަރަށް ހީވާގި އަދި އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި އުޅޭ ޒުވާނެކެވެ. އެގޮތުން ދެތިން ފަހަރަކު ކަރަންޓީނުގައި ހުންނަން ޖެހުމުންވެސް ގޭގައި ހުރެގެން ބަގީޗާ އެއް ހައްދައި، މަސް ޓޭންކެއްވެސް ވަނީ ހަދާފައި ކަމަށް މަތީން ބުންޏެވެ.

މާޅޮސް ޕްރޮމޯޓް ކުރުމުގައި އެންމެ މުހިންމު ދައުރެއް ކުޅެފައިވާނީ ވެސް ދާނު ކަން މަތީން ފާހަގަ ކުރިއެވެ. އެގޮތުން މި ހަތަރު ވަރަކަށް އަހަރު އެރަށަށް އެންމެ ގިނަ ގެސްޓުން ގެންގޮސްފައި ވަނީ ދާނުގެ ޕެކޭޖްތަކުގެ ދަށުން ކަމަށްވެސް އޭނާ ބުންޏެވެ. ދާނު މިހާތަނަށް 9000 އަށް ވުރެން ގިނަ ޑައިވް ކޮށްފައިވާ ކަމަށް ބުނި ކަމަށްވެސް މަތީން ބުންޏެވެ.

އާދައިގެ މަތީން އިއްޔެވެސް ދާނު ހަނިފަރުބޭ އަށް މަންތާއަށް ދިޔައީ ގެސްޓަކާއި އަދި އޭނާގެ ހަތަރު ދަރިވަރަކު ގޮވައިގެން ޑީންގީއެއްގަ އެވެ. ހަނިފަރުބޭ އަކީ އޭޕްރިލް މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ވަރަށް ގިނައިން މަންތާ ފެންނަ ހިސާބެކެވެ. އެ ހިސާބަކީ ބަޔޮސްފިއާގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ދާނު އާއެކު ފަސް މީހުން ސްނޯކްލިންގް ނިންމުމަށްފަހު ޑިންގީގައި އެނބުރި މާޅޮހަށް ދިއުމަށް ކުރި ދަތުރުގައި ކޯމަސްތަކެއް ފެނުނެވެ. ކޯމަސްތައް ވީޑިއޯ ކުރުމަށް ޓަކައި ދާނު ކަނޑަށް ފުންމާލީ ކަމަށް ޑިންގީގައި އެވަގުތު ތިބި ކުދިން މައުލޫމާތު ދިން ކަމަށް މަތީން ބުންޏެވެ. އެހެން ނަމަވެސް އިރުކޮޅެއް ނުވަނީސް ދާނު މޭގައި އަތް އަޅައިގެން އައިސް ފަހަތަށް އަތުން އިޝާރާތް ކޮށް "ހިބަރު" "ހިބަރު" މިހެން ފަހު ބަހެއްގެ ގޮތުގައި ބުނި ކަމަށްވެއެވެ. އޭރު އޭނާގެ މޭމަތީން ހޯސް ލާފައި ލޭތައް ފައިބަމުން ދިޔަ އެވެ. ޑިންގީއާ ހަމަޔަށް ދާނު ދިޔައީ އަމިއްލައަށް ފަތާފައި ކަމަށް ވެސް މަތީން ބުންޏެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން ހަބަރު ހުސްވީ އެވެ.

ޑިންގީގައި އެވަގުތު ތިބި ގެސްޓާއި ދާނުގެ ހަތަރު ދަރިވަރުން ވެގެން ދާނު ޑިންގީއަށް ނަގައި، އެތާ ކައިރީގައި އޮތް ބޮޑު ލޯންޗަށް އިވެންދެން ހަޅޭއްލެވީ ކަމަށް ބުންޏެވެ. އަދި ބޮޑު ލޯންޗުގައި ދާނު ބ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު އިރު ގާތްގަނޑަކަށް 4:15 އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ދާނުގެ އެއްވެސް ހަރަކާތެއް ނެތް ނަމަވެސް 5:00 ޖަހަންދެން ޑޮކްޓަރުންވެސް އަވަސް ފަރުވާދީ ވަރަށް މަސައްކަތް ކުރި ކަމަށް އެތަން އެންމެ ގާތުން ބަލަމުން އެވަގުތު ދިޔަ، އަދި ދާނުގެ އެންމެ އެކުވެރި މަތީން ކިޔައިދިނެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ބ. އަތޮޅު ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ހަމްދޫންވެސް ވިދާޅުވީ ހިބަރު ތުންގަނޑު ހެރިފައިވަނީ ދާނުގެ ހިތަށް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ބ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު "ވަން" އަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ، މަރުވި ޒުވާނާ އަކީ އެރަށު ޑައިވިން ސެންޓަރެއްގައި މަސައްކަތް ކުރަމުން އަންނަ އިންސްޓްރަކްޓަރެއް ކަމަށެވެ. އޭނާގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރުނީ ގެސްޓުން ގޮވައިގެން ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި ކޯމަސް އައިނެއްގެ ތެރެއަށް ފުންމާލި ވަގުތު ކަމަށެވެ.