ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އެޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، ފޯމު ހުށަހަޅުއްވާފައި ވަނިކޮށް މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމައި އެކަން އެމްޑީޕީން އެންގީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.
އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި މަހުލޫފުގެ ފަރާތުން އެމްޑީޕީއަށް ހުށަހެޅުއްވިއެވެ. ނަމަވެސް މަހުލޫފުގެ ކެނޑިޑެސީ ބާތިލުކުރަން އެޕާޓީން ނިންމި ނިންމުން ރަނގަޅު ކަމަށް ޝަކުވާ ބަލާ ކޮމިޓީން ވަނީ ނިންމައިފައެވެ.
ނަމަވެސް އަލަށް އިންތިހާބުވި އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލަ އަލުން ބަލަން ނިންމިއެވެ. މިއީ އެ މަޖިލީހުގެ ފުރަތަމަ ނިންމުމެވެ.
އެމްޑީޕީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުން މިއަދު ނިންމަވާފައިވަނީ، މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި މިނިސްޓަރު މަހުލޫފުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމަކީ، އެމްޑީޕީގެ އަސާސީ ގަވާއިދާއި އިންތިހާބުތަކާ ބެހޭ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ.
މި މައްސަލަ ބަލާފައިވަނީ މެމްބަރު ނައުޝާދު އަބްދުލްއަޒީޒު އާއި އިބްރާހިމް މުހައްމަދު ދީދީ އަދި ހުސައިން ރަޝީދެވެ. ރިޔާސަތު ބެލެހެއްޓެވީ ނައުޝާދެވެ.
އެކަމާ ގުޅިގެން މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގައި އޭނާއަށް ވާދަކުރެވޭ ގޮތަށް ނިންމީތީ އުފާކުރާ ކަމަށެވެ. އަދި އުންމީދަކީ ތަފާތު ބޮޑު ނަތީޖާއަކުން އިންތިހާބުވުން ކަމަށްވެސް ވިދާޅުވިއެވެ.
"ކޮންމެ ރައްޔިތަކުވެސް މީހަކު ކުރާ މަލާމާތަކަށް ނުބަލައި އެމީހެއްގެ ހައްގު ހޯދަން މަސައްކަތް ކުރަންވާނެ. މެދު އުތުރު ޕްރޮވިންސް އިން ތަފާތު ބޮޑު ނަތީޖާއަކުން އިންތިހާބު ކޮށްދެއްވާނެކަމަށް އުންމީދުކުރަން،" މަހުލޫފްގެ ޓްވީޓްގައިވެއެވެ.
އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި މައްސަލަ މަހުލޫފުގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް، އާ ޝަރުތެއް ކަނޑައެޅޭނީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ނުވަތަ އަސާސީ ގަވާއިދުން ބާރުލިބިގެން ހަދާ ގާނޫނަކުން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަ ކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިި އިރު، މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އެ މައްސަލައިގައި މަހުލޫފަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު