ފީފާ

ބްރެޒިލަށް ދޫނުކުރި ކުޅުންތެރިންނަށް ލީގުގެ ސަސްޕެންޝަނެއް

ނިމިގެން ދިޔަ އިންޓަނޭޝަނަލް ބްރޭކަށް ބްރެޒިލް ގައުމީ ޓީމަށް ދޫނުކޮށް ޕްރިމިއާ ލީގު ކްލަބުތަކުން ހިފެހެއްޓި ކުޅުންތެރިންނަށް އަދަބު ދޭން ބްރެޒިލުން ފީފާގައި އެދިއްޖެއެވެ.

ބްރެޒިލަކީ އިނގިރޭސިވިލާތުގެ ރެޑްލިސްޓު ގައުމަކަށްވުމާއެކު، ގައުމީ ޓީމަށް ގޮސް، އަދި އެނބުރި އައިސް ކުޅުންތެރިން ކަރަންޓީނު ވާން ޖެހޭތީ، ޕްރިމިއާ ލީގު ކްލަބުތަކުން ނިންމާފައި ވަނީ އެގައުމަށް ކުޅުންތެރިން ނުފޮނުވާށެވެ. ރެޑް ލިސްޓު ގައުމުތަކަށް ކުޅުންތެރިން ފޮނުވައި، ކުޅުންތެރިން އަނބުރާ ލީގަށް ދިއުމުން ކަރަންޓީނު ވާން ނުޖެހޭނެ ގޮތެއް ހޯދައިދިނުމަށް އިނގިރޭސި ބޮޑުވަޒީރުގެ ކިބައިން ކުރިން ފީފާ ރައީސް ޖިއާނީ އިންފެންޓީނޯ އެދިފައިވީ ނަމަވެސް އިނގިރޭސި ސަރުކާރުން ވަނީ އެކަމާ އަޅައިނުލައި ދޫކޮށްލައިފައެވެ.

އިންޓަނޭޝަނަލް ބްރޭކަކަށް ކްލަބުން ކުޅުންތެރިން ނުފޮނުވައިފިނަމަ، ފީފާގެ ގަވާއިދުގެ ދަށުން ކްލަބު ފުޓުބޯޅައިން ފަސް ދުވަހަށް ކުޅުންތެރިން ސަސްޕެންޑް ކުރެވޭނެ ބާރު ގައުމީ ޓީމަށް އޮންނާނެއެވެ. އެ ބާރުގެ ދަށުން ބްރެޒިލުން ވަނީ ގައުމީ ޓީމަށް ނުފޮނުވި ޕްރިމިއާ ލީގުގެ އަށް ކުޅުންތެރިޔަކު ފަސް ދުވަހަށް ކްލަބު ފުޓުބޯޅައިން ސަސްޕެންޑް ކޮށްދިނުމަށް ފީފާގައި އެދިފައެވެ. އުސޫލުގައި އޮންނަ ގޮތުން ފީފާއިން އެކަން ކުރާނެއެވެ.

ފީފާއިން އެގޮތަށް ނިންމުމާއެކު ކުޅުންތެރިން ސަސްޕެންޑް ވާނީ އިންޓަނޭޝަނަލް ބްރޭކް އެއްކޮށް ނިމޭ ދުވަހުންނެވެ. އެއީ މިމަހުގެ 10 އިން 14 ވަނަ ދުވަހާ ހަމައަށެވެ.

ބްރެޒިލުން ފީފާގައި އެދުނު އެދުމާއެކު ސަސްޕެންޝަން އަންނާނެ ކުޅުންތެރިންނަކީ ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާއާއި މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަންގެ އިތުރުން ގެބްރިއަލް ޖީސަސްއާއި ލިވަޕޫލްގެ ރޮބާޓް ފިރްމީނޯ އާއި ފަބީނިއޯއާއި އެލިސަން ބެކާއާއެކު ލީޑްސްގެ ރަފީނިއާ އަދި މެންޗެސްޓާ ޔުނައިޓެޑުގެ ފްރެޑަށެވެ.

ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލްގެ ކުޅުންތެރިންގެ ތެރޭގައި އެވަޓަންގެ ރީޗަލްސަން ހިމެނުނު ނަމަވެސް ބްރެޒިލުން ވަނީ އެވަޓަންއަށް ދުލެއް ދޭން ނިންމައިފައެވެ. އެއީ އޮލިމްޕިކްސްއަށް ފޮނުވަން މަޖުބޫރު ނޫން ނަމަވެސް ބްރެޒިލްއާއެކު އެވަޓަންއިން ރިޗާލްސަން އޮލިމްޕިކްސްއަށް ފޮނުވުމުންނެވެ.