2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ކޮލިފިކޭޝަނުގައި ނޯވޭއާއި ނެދަލޭންޑްސް އިން ރޭ ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ނޯވޭން ކުޅުނު މެޗުގައި ގިބްރާލްޓާގެ މައްޗަށް ކުރި ހޯދީ 5-1ގެ ނަތީޖާއަކުންނެވެ. މެޗުގެ އެންމެ ހާއްސަ ކަމަކަށްވީ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ހެޓްރިކް ހެދުމެވެ. ބްރޫޝިއާ ޑޯޓުމަންޑުގެ ހާލަންޑް އެންމެފަހުން ކުލަބާއި ގައުމީ ޓީމަށް ކުޅުނު އަށް މެޗުގައި 11 ގޯލު ޖަހާފައިވާ އިރު، މިހާތަނަށް މި ސީޒަނުގައިވެސް ދެ މެޗެއްގައި ވަނީ ހެޓްރިކް ހަދައިފައެވެ.
ހާލަންޑު މިހާތަނަށް މި ސީޒަނުގައި ކުޅުނު 11 މެޗުގެ ތެރެއިން ގޯލު ނުޖަހާ އޮތީ އެންމެ ދެ މެޗެވެ. އަނެއް ނުވަ މެޗުގައި އޭނާ ގޯލު ޖެހިއެވެ.
ހާލަންޑުގެ އިތުރުން ނޯވޭގެ ގޯލުތައް ޖަހައި ދިނީ ކްރިސްޓިއަން ތޯސްޓްވެޓާއާއި އެލެކްސެންޑްރާ ސޯރްލޮތެވެ. ގިބްރާލްޓާގެ ހަމައެކަނި ގޯލު ޖެހީ ރީސް ސްޓައިޗެވެ.
ނޯވޭ މިވަގުތު އޮތީ ގުރޫޕް ޖީގެ ދެވަނައިގައެވެ. ރޭ އެ ގުރޫޕުގައި ކުޅުނު އަނެއް މެޗުގައި ނެދަލޭންޑްސް އިން ބޮޑު ތަފާތަކުން ތުރުކީ ބަލިކުރުމާއެކު ތުރުކީ ވަނީ ތިންވަނައަށް ވެއްޓިފައެވެ. ގުރޫޕުގެ އެއްވަނައިގައި އޮތީ ނެދަލޭންޑްސްއެވެ.
މެޗު ނެދަލޭންޑްސް އިން 6-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، މި ސީޒަނަށް ބާސާއަށް ބަދަލުވި މެމްފިސް ޑިޕޭ ވަނީ ހެޓްރިކް ހަދައިފައެވެ. ޑިޕޭގެ އިތުރުން ނެދަލޭންޑްސްގެ ގޯލުތައް ޖަހައި ދިނީ ޑޭވީ ކްލާސެންއާއި ގޫސް ޓިލްއާއި ޑޮނޭލް މާލެންއެވެ. ރޭގެ ހެޓްރިކާއެކު އުމުރުން 27 އަހަރުގެ ޑިޕޭ ވަނީ ނެދަލޭންޑްސްއަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އަށްވަނައަށް ޖެހިލައިފައެވެ.
ޑިޕޭ ނެދަލޭންޑްސް އަށް 33 ގޯލު ޖަހައިދީފައިވާ އިރު، އޭނާގެ އިތުރުން އެ އަދަދަށް ގޯލު ޖަހާފައި ވަނީ ޔޯހަން ކްރައިފްއާއި އަބޭ ލެންސްޓްރާއެވެ. ޑިޕޭ ނެދަލޭންޑްސްއަށް އެންމެފަހުން ކުޅުނު 10 މެޗުގައި 12 ގޯލު ޖަހާފައިވެއެވެ.
ރޭގެ މެޗު ނެދަލޭންޑްސްއަށް އެންމެ ބޮޑަށް ފަސޭހަ ވެގެން ދިޔައީ ފުރަތަމަ ހާފު ނިމިނިމި އޮއްވައި ލެސްޓާ ސިޓީގެ ތުރުކީ ޑިފެންޑަރު ކަގްލާ ސޮޔުންޗީއަށް ދެއްކި ރަތް ކާޑާއެކުގައެވެ. ދެވަނަ ހާފުގައި ނެދަލޭންޑްސްގެ ތިން ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ތުރުކީގެ ހަމައެކަނި ގޯލު މެޗު ނިމެން ދަނިކޮށް ޖެހީ ސެންޖިޒް އުންޑާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު