ހދ. ނޮޅިވަރަމާއި، ނޮޅިވަރަންފަރުގައި ކޮވިޑް 19 ފެތުރެމުންދިއުން އިތުރުވެފައިވާތީ، އެ ދެރަށަށް ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ފޯރުވައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.

މައްސަލަ ހުށަހަޅުއްވަމުން، ނަޝީދު ވިދާޅުވީ، އާބާދީގައި 2700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނޮޅުިވަރަމްގައި ކޮވިޑް ފެތުރެމުން ދިއުމުގެ ސަބަބުން އެރަށަށް އަރައިފޭބުމަށް ދަތިވެފައިވާ ކަމަށެވެ. އަދި އެ ރަށުގައި އެމްބިއުލެންސެއް ނެތުމުން ބަލި މީހުން އުފުލަނީ ޕިކަޕެއްގައި ކަމަށާއި، އެ ރަށުގައި އެސްޓީއޯ އިން ހިންގާ ބޭސްފިހާރަތަކަށް ރަނގަޅަށް ބޭސް ފޮނުވަމުން ނުދާ ކަމަށްވެސް ވިދާޅުވިއެވެ.

ބަލީގެ ސަބަބުން އެރަށަށް އަރައި ފޭބުމުގެ ދަތިތައް ކުރިމަތިވެފައި ވުމުގެ ސަބަބުން، ކާބޯތަކެއްްޗަށް ޖެހި ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ކާބޯތަކެއްޗާއި އެމްބިއުލެންސެއްގެ އިތުރުން ސިއްހީ ގާބިލު ފަރާތްތައް ފޮނުވުމަށް ގޮވާލާ ކަމަށްވެސް މެންބަރު ނަޝީދު ވިދާޅުވިއެވެ.

އާބާދީގައި 1900 އެއްހައި މީހުން ދިރިއުޅޭ ނޮޅިވަރަންފަރުގައިވެސް ކޮވިޑް ފެތިރެމުންދާތީ އެރަށަށް ވެސް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނަޝީދު ގޮވައިލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަން މި މައްސަލަ ބަލައިގަތީ ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 32 މެންބަރުން ވޯޓު ދެއްވައިގެންނެވެ.