އޭނާއާ ގުޅޭ ގޮތުން ދައްކާ ވާހަކައިގައި އެއްވެސް އޮއްޓަރެއް އެކުލެވޭ ނަމަ، އޭނާގެ ރިޓަޔާމަންޓް ބާތިލުކުރުމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ގޮވާލައިފިއެވެ.
ފައިރޫޝް މިހެން ވިދާޅުވީ، އެސިސްޓެންޓް ކޮމިޝަނަރު އޮގް ޕޮލިސްގެ މަގާމުން ޝަރަފުވެރިކަމާއެކު އޭނާ ރިޓަޔާ ކޮށްދީފައިވަނީ އޭނާއާ ގުޅޭ ގޮތުން ހުރި މައްސަލަތައް ރަނގަޅަށް ނުބަލައި ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
ފައިރޫސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކުގައި އޮއްޓަރެއް ހުރި ނަމަ، އޭނާ ރިޓަޔާކުރި ކުރުން ބާތިލު ކުރުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ އަލުން ވަޒީފާއަށް ނުކުތުމުގެ ހިތްވަރު އޭނާގެ އެބަހުރި ކަމަށެވެ.
"ހުރިހާ ބާރެއް މުށުތެރޭގައި އޮވެމެ ކޮން ހޮޅިވާހަކައެއް ތިދައްކަނީ؟ ތިދައްކާ ވާހަކައިގާ އެއްވެސް އޮއްޓަރެއް ހުރިއްޔާމު ރިޓަޔަރ ކުރި ކުރުން ބާތިލްކުރައްވާ! އަލުން ވަޒީފާއަށް ނުކުތުމުގެ ހިތްވަރު އެބަހުރި" ފައިރޫޝް ވިދާޅުވިއެވެ.
ފައިރޫޝް ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދީފައިވަނީ ބަލަންވާ ވަރަށް ނުބަލައި ކަަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބެލުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓުގައި ހިމަނައިގެންނެވެ.
ފައިރޫޝް ޝަރަފުވެރިކަމާއެކު ވަކިކުރި މައްސަލަ ބަލަން ކޮމިޓީއަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލިސް ރައީސް އެ މައްސަލަ ބަލަން ކޮމިޓީއަށް އެންގެވީ މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެގާނޫނު ތަސްދީގު ކުރައްވާފައި ވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމަށް ވިދާޅުވެއެވެ.
ނަމަވެސް އޭރު އެ ގާނޫނަށް އަމަލު ކުރުމަކުން ނުދެއެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ފަހުން ކަމަށެވެ.
އެހެންކަމުން އޭނާ ރިޓަޔާ ކުރައްވާފައި ވަނީ އޭރު އަމަލުކުރަމުންދިޔަ ފުލުހުންގެ ގާނޫނާއި އެ ގާނޫނުގެ ދަަށުން އެލުލަވާލާފައިވާ ފުލުހުން ރިޓަޔާ ކުރުމާބެހޭ ގަވާއިދުގެ ދަށުންނެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ކަމުގެ މަގާމުން ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ ފުލުުހުންގެ ހިދުމަތުގައި 20 އަހަރު ދުވަހު އުޅުއްވުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު