ސޭވް ދަ ޑްރީމްގެ މުވައްޒަފުން ރިހިވެލި ރިސޯޓުން ބޭލުމަށް، އެ ރިސޯޓަށް އަނެއްކާވެސް ބަޔަކު އަރައިފިއެވެ.
މީގެ ކުރިންވެސް އެ ރިސޯޓަށް ބަޔަކު އަރައި ވަނީ ހަމަނުޖެހުން ހިންގައިފައެވެ.
ސޭވް ދަ ޑްރީމްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު "ވަން" އަށް މިއަދު ވިދާޅުވީ، އެރަށަށް އަރާފައިވަނީ ރިސޯޓުގެ ވެރިފަރާތް ކަމަށްވާ މާހަލް ޕްރައިވެޓް ލިމިޓެޑްގެ ބަޔަކު ކަމަށެވެ. އެގޮތުން 20 ވަރަކަށް މީހުން އެ ރިސޯޓަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.
"މިއަދު ހަވީރު 4:30 ހާއިރު އެރީ. އެމީހުން ޑިމާންޑުކުރަމުން ދަނީ އަޅުގަނޑުމެން ރިސޯޓުން ފޭބުމަށް" ނާޒިމް ވިދާޅުވިއެވެ.
ރިހިލެވި ރިސޯޓަށް އަނެއްކާވެސް ބަޔަކު އަރާފައިވާއިރު، އެ މައްސަލަ މިހާރު ވަނީ ފުލުހަށް ރިޕޯޓްކޮށްފައެވެ.
އެ ރިސޯޓަށް އަނެއްކާވެސް ބަޔަކު އަރާފައި މިވަނީ އެރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލުވެފައިވާތީ ސޭވް ދަ ޑްރީމް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށްވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓުގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާތީއެވެ. ނަމަވެސް ސޭވް ދަ ޑްރީމްގެ ފަރާތުން އެ ހުކުމް ވަނީ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފައެވެ.