ޖަލުގެ އާބާދީގެ 60 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

އެސާވިސްއިން މިހެން ބުނީ، ނެޝަނަލް ޑްރަގް އެޖެންސީ އިސްލާހު ކުރަން ގޮވާލައި، ހުށަހެޅި ޕެޓިޝަނާ ގުޅިގެން ކަމާ ގުޅުންހުރި ފަރާތްތަކާ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބައްދަލުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޖަލުގެ ހާލަތު ކޮމިޓީއާ ހިއްސާ ކުރަމުންނެވެ.

ކޮމިޓީއަށް އިތުރު ތަފުސީލް ހާމަކޮށްދެމުން ކަރެކްޝަނަލް ސާވިސްއިން ބުނީ، މަސްތުވާ ތަކެތީގެ އެކި މައްސަލަތަކުގައި ހުކުމް ކޮށްފައިވާ 556 މީހުން މިހާރުވެސް ޖަލުގައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ޑްރަގް ބޭނުން ކުރުމާއި ޑްރަގް ޓްރެފިކު ކުރާ މީހުން ހިމެނޭއިރު، އޭގެ ތެެރެއިން ޑްރަގް ބޭނުންކުރާ މީހުންގެ އާބާދީއަކީ 86 ޕަސެންޓް ކަމަށްވެސް ބުންޏެވެ.

ޑްރަގް މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން، އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ 167 މީހުނުް ހިމެނޭއިރު އެއީ އެ އާބާދީގެ 30 ޕަސެންޓް ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ގާނޫނުން، އެއް ގްރާމް ފެނިގެން ހުކުމް ކޮށްފައިވާ 27 މީހުން ހިމެނޭ ކަމަށްވެސް ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ، މިހާރު ދިމާވާ އެންމެ ބޮޑޫ ގޮންޖެހުމަކީ ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށް، ފަރުވާއިން ފެއިލްވެގެން ޖަލަށް ލާ މީހުންގެ އަދަދު އިތުރުވުން ކަމަށެވެ.

އެގޮތަށް 290 މީހުން މިވަގުތު ޖަލަށްލާފައިވާ ކަމަށްވެސް ބުންޏެވެ. އަދި ޖަލުގައި ހިމެނޭ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށް ވުމަކީވެސް ކަންބޮޑުވުމެއްް ކަމަށާއި އޭގެ ތެރެއިން 60 ޕަސެންޓަކީ 35 އަހަރުން ދަށުގެ ޒުވާނުން ކަމަށްވެސް ބުންޏެވެ.

ރިމާންޑް ޖަލުތަކުގައި ބަންދުކުރަންޖެހޭ ގިނަ މީހުންނަކީވެސް މަސްތުވާ ތަކެއްޗާ ބެހޭ މައްސަލަތަކުގެ މީހުންނަށް ވުމަކީ ކަންބޮޑުމެއް ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.