އެސްޓީއޯއިން 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް މިއަދު އާންމުކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއެކު ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 352 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު 335 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު ފަސް އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 281 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި މުއްދަތުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.48 ބިލިއަން ރުފިޔާއެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 6.98 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު ހަތް އިންސައްތައިގެ ދަށްވުމެކެވެ. އެ ކުންފުނިން ބުނި ގޮތުގައި، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއެކު އެ ކުއާޓަރުގައި ތެލުގެ އަގު ދަށްވުމެވެ. ނަމަވެސް، ތެލުގެ އަގު ދަށްވިކަމުގައި ވިޔަސް، އޭގެ ކުރީ ކުއާޓަރާ އަޅައި ބަލާއިރު ތެޔޮ ވިކުނު އަދަދު ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ހިފެހެއްޓި، ތިންވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 757 މިލިއަން ރުފިޔާއެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 400 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 324 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު 23 އިންސައްތައިގެ އިތުރުވުމެކެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ހިންގުމުގެ ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެޑިކަލް ސެގްމަންޓް ރީސްޓްރަކްޗާ ކުރުމާއި މުވައްޒަފުން ބަދަލުވުމާ ގުޅިގެން މުވައްޒަފުންގެ ހަރަދު ކުޑަވުމާއި، އެހެނިހެން ހިންގުމުގެ ހަރަދުތައްވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުމެވެ. އެގޮތުން، ދެވަނަ ކުއާޓަރުގައި ހިންގުމުގެ ޖުމްލަ ހަރަދު 449 މިލިއަން ރުފިޔާގައި ހުރިއިރު، ތިންވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 393 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ޓެކުހަށް ކެނޑުމަށްފަހު ލިބުނު 281 މިލިއަން ރުފިޔާގެ ސާފު ފައިދާއާއެކު، ހިއްސާއަކަށް ޖެހޭ ފައިދާ ވަނީ ދެވަނަ ކުއާޓަރުގައި ހުރި 248 ރުފިޔާއިން 249 ރުފިޔާއަށް އިތުރުވެފައެވެ. އަދި 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 186 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް އެސްޓީއޯގެ ޖުމްލަ މުދަލުގެ އަގު ވަނީ ދެވަނަ ކުއާޓަރު ނިމުނުއިރު ހުރި 17.82 ބިލިއަން ރުފިޔާއިން 18.35 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. ހަމައެއާއެކު، އެ ކުންފުނީގެ ނަގުދު ފައިސާގެ ރިޒާވް ވަނީ ދެވަނަ ކުއާޓަރު ނިމުނުއިރު ހުރި 862 މިލިއަން ރުފިޔާއިން 1.25 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.