ޓްރާންސްފާ މާކެޓް

އުމުރުން 38 އަހަރުގައި ރިބެރީ އިތުރު ކްލަބަކަށް

އުމުރުން 38 އަހަރުގެ ފްރޭންކް ރިބެރީ އިޓަލީ ލީގަށް އަލަށް ކޮލިފައިވި ސަލާނިޓާނާއަށް ސޮއިކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ފިއޮރެންޓީނާއަށް ކުޅުމަށްފަހު ސަލާނިޓާނާއަށް ރިބެރީ ސޮއިކުރީ ކޮންޓްރެކްޓް ހަމަވެ، ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ރިބެރީ އެ ކްލަބަށް ސޮއިކޮށްފައިވާ އިރު، އެ ކްލަބަށް ސޮއިކުރިކަން އާންމުކުރުމަށް ރިބެރީ ވަނީ އިންސްޓާގްރާމުގައި ހާއްސަ ޕޯސްޓެއް ކޮށްފައެވެ.

"އަދިވެސް ދާނީ ކުރިއަށް. މިއީ އާ ސަފުހާއެއް ހަޔާތުގައި. އާ ޓީމެއް، އާ އެކުވެރިންތަކެއް، އާ ކުޅުންތެރިންތަކަކާއެކު އިޓަލީ ލީގުގައި އަނެއްކާވެސް ކުޅެވުމަކީ ވަރަށް އުފާވާ ކަމެއް. ހުރިހާ މެޗެއްގައިވެސް 100 ޕަސެންޓް ދޭނެކަމުގެ ޔަގީންކަން ދެން،" ރިބެރީ ކޮށްފައިވާ ޕޯސްޓުގައި ވެއެވެ.

ރިބެރީއަކީ ފްރާންސްގެ ގައުމީ ޓީމަށްވެސް 81 މެޗު ކުޅެދީފައިވާ ފުޓުބޯޅަ ލެޖެންޑެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރު ގައުމީ ޓީމާއެކު ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދައިފައެވެ. ރިބެރީގެ ކްލަބު ކެރިއަރުގައި އެންމެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ވަނީ ބަޔާން މިއުނިކާ އެކުގައެވެ. އެ ކްލަބާއެކު ނުވަ ފަހަރަށް ޖަރުމަނު ލީގު ހޯދައި، ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވެއެވެ.

ކެރިއަރުގެ 12 އަހަރު ރިބެރީ ބަޔާންގައި ހޭދަކޮށްފައިވާ އިރު، މިފަހަރު ސަލާނިޓާނާއަށް ދިޔުމުގެ ކުރިން ރިބެރީ އެނބުރި ބަޔާނަށް ދާން މަސައްކަތް ކުރި ކަމަށް ހަބަރުތައް ބުނެފައިވެއެވެ.