އުމުރުން 80 އަހަރުގެ ޕެލޭގެ ގޮހޮރުން ޓިއުމަރެއް ނަގައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ގަދަރުވެރި އެއް ޝަހުސިއްޔަތު، ބްރެޒިލްގެ ލެޖެންޑް ޕެލޭ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގޮހޮރުން ޓިއުމަރެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އެ މެސެޖު ސަޕޯޓަރުންނާ ހަމައަށް އޭނާ ކިޔައި ދިނީ ފުޓުބޯޅަ މެޗެއްގެ ކާމިޔާބީގެ އިހުސާސްތަކާ އެކުގައެވެ. ޕެލޭ ވަނީ ޓިއުމަރު ނެގުމުގެ ހިތްހަމަޖެހުން ފުޓުބޯޅައާ ގުޅުވާލައިފައެވެ.

"އަހަރެންގެ ނަސީބުގައި އަބަދުވެސް އޮންނަ ކަމެއް ތި އެންމެންނާ އެކީ ކާމިޔާބީ ފާހަގަކުރުމަކީ، މި މެޗަށް (އޮޕަރޭޝަނާއި ރިކަވަރީ) އަށް އަހަރެން ކުރިމަތިލަނީ ހިނިތުންވުމަކާ އެކީ. އުއްމީދާ އެކީ އުފަލުގައި ދިރިއުޅުމުގެ އަޒުމުގައި. މިމެޗުންވެސް އަހަރެން މޮޅުވާނީ ސަޕޯޓަރުންނާ އެކީގައި،" ތިން ފަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ޝަރަފް ހޯދާފައިވާ ޕެލޭ ބުންޏެވެ.

ޕެލޭގެ ސިއްހީ ހާލަތު މިހާރަކަށް އައިސް ފެންނަނީ ދަށްކޮށެވެ. 2015 ވަނަ އަހަރުވެސް ޕެލޭ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާއިރު، އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެންވެސް ވަނީ ފަރުވާ ދީފައެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕެލޭއަށް ވަރަށް ބޮޑަށް ހިނގާ އުޅެން ދަތިވުމުގެ މައްސަލަތައް ދިމާވެފައިވާ އިރު، އޭނާގެ ދަރިފުޅު އެފަހަރު ބުނެފައި ވަނީ އަމިއްލައަށް ހިނގާބިނގާވެ އުޅެން ޕެލޭއަށް ދަތިވާތީ ގެއިން ބޭރަށް ނުކުންނަން ލަދުގަންނަ ކަމަށެވެ. މީގެ ކުރިން 2019 ވަނަ އަހަރު ޔޫރިން އިންފެކްޝަނެއްގެ ސަބަބުންވެސް ޕެލޭއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދީފައެވެ.

ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދިން ރެކޯޑް އޮތް ޕެލޭއަކީ ފުޓްބޯޅައިގައިވެސް ބޮޑު ރެކޯޑުތަކެއް މުގުރާލާފައިވާ ތަރިއެކެވެ. ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ.