ފީފާ

އެތައް މިލިއަން ސަޕޯޓަރުންނެއް މާޔޫސް ކޮށްލަން ޖެހުމުން ފީފާ ކަންބޮޑުވެފައި!

އެތައް މިލިއަން ސަޕޯޓަރުންނެއް ބަލަން ތިބި ބްރެޒިލާއި އާޖެންޓީނާ ވާދަކުރި ފީފާ ކޮލިފިކޭޝަން މެޗު، ބްރެޒިލުގެ ސިއްހީ އިދާރާތަކުން ދަނޑަށް އަރައި ހުއްޓުވުމުން ފީފާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބްރެޒިލުގެ ސިއްހީ އޮފިޝަލުން ފުލުހުންނާއެކު ދަނޑަށް އަރާފައި ވަނީ އާޖެންޓީނާ ޓީމުގައި ތިބި އިނގިރޭސި ލީގަށް ކުޅޭ ހަތަރު ކުޅުންތެރިން ބްރެޒިލުގެ ކޮވިޑް 19 އުސޫލުތަކާ ހިލާފު ވާތީއެވެ. އިދާރާތަކުން ބުނެފައި ވަނީ އިންގްލެންޑަކީ ބްރެޒިލުގެ ރެޑް ލިސްޓު ގައުމެއް ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގު ކްލަބުުތަކުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިން މެޗަށް އަރާ ނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ އުސޫލަށް ނުބަލައި، އާޖެންޓީނާއިން ބްރެޒިލާ ދެކޮޅަށް ނެރުނު ފުރަތަމަ 11 ގައި އޭގެ ތެރެއިން ތިން ކުޅުންތެރިޔަކު ހިމަނާފައިވެއެވެ.

ހޯމަ ދުވަހުގެ ރޭ އޮތް މެޗަށް އާޖެންޓީނާ އިން ނެރުނު ފުރަތަމަ އެގާރައިގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ހިމެނިފައިވާ އިރު، ބެންޗުގައި އެސްޓަން ވިލާއަށް ކުޅޭ އެމީ ބުއެންޑީއާ ވެސް ހިމަނާފައިވެއެވެ.

އިންގްލެންޑުން އާޖެންޓީނާ ސްކޮޑަށް ދިޔަ ކުޅުންތެރިން އިންގްލެންޑް ދޫކުރިތާ 14 ދުވަސް ނުވާތީ ބްރެޒިލުގެ ސިއްހީ އޮފިޝަލުން ނިންމާފައިވަނީ އެ ކުޅުންތެރިން ބްރެޒިލުގެ ސިއްހީ ޕްރޮޓޮކޯލާ ހިލާފު ވެފައިވާ ކަމަށެވެ. ބްރެޒިލުގެ ސިއްހީ އިދާރާތަކުން ވަނީ އެ ކުޅުންތެރިން ޑީޕޯޓު ކޮށްފައެވެ.

ފީފާއިން ބުނެފައި ވަނީ މެޗުގެ ފުރަތަމަ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި، ޑިސިޕްލިނަރީ ކަންކަން ބަލާ ކޮމިޓީތަކުން އެ ރިޕޯޓުތައް ދިރާސާކޮށް ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މެޗު އަލުން ކުޅޭނެ ތާރީހެއް ފީފާއިން ނިންމައިފައެއް ނުވެއެވެ.

"އެތަކެއް މިލިއަން ސަޕޯޓަރުންނެއް ބަލަން ތައްޔާރުވެފައި އޮތް މެޗު ފެށިތާ ކުޑައިރުކޮޅެއް ތެރޭގައި ހުއްޓާލަން ޖެހުމުން ފީފާއިން އެކަން ރިގްރެޓް ކުރަން. ބްރެޒިލާއި އާޖެންޓީނާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ މުހިއްމު ދެ ގައުމެއްކަން ފާހަގަކުރަން،" ފީފާއިން ރަސްމީކޮށް ނެރުނު ބަޔާނުގައިވެއެވެ.

އިންގްލެންޑުން ކަނޑައަޅާފައިވާ އުސޫލޫގެ ރެޑް ލިސްޓުގައި ބްރެޒިލް ހިމެނޭތީ ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލަށް ނިސްބަތްވާ ކުޅުންތެރިންގެ ކްލަބުތަކުން އެ ކުޅުންތެރިން ގައުމީ ޓީމަށް ރިލީސް ނުކުރެއެވެ. އެހެންވެ، ބްރެޒިލް ޓީމުގައި އާންމުކޮށް ހިމެނޭ ނުވަ ވަރަކަށް ކުޅުންތެރިން މި ވަގުތު ތިބީ އިންގްލެންޑްގައެވެ.

ރެޑް ލިސްޓު ގައުމުތަކަށް ދާ ކުޅުންތެރިންނަށް ލުއި ގޮތެއް ހޯދައިދިނުމަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވަނީ އިނގިރޭސި ސަރުކާރުގެ ކިބައިން އެދިފައެވެ. އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންއަށް އިންފެންޓީނޯގެ ހާއްސަ ސިޓީއެއް ފޮނުވި ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ދީފައެއް ނުވެއެވެ.