ޚަބަރު

ޗައިނާ ސަފީރު، ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އަލީ ޔާމިން

ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވަން ލިޒިން، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ މިއަދު ހެނދުނު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގައެވެ.

އާ ސަފީރު ވަން ލިޒިންއަށް މަރުހަބާ ވިދާޅުވެ، ރައީސް ވަނީ ޗައިނާގެ ކުރީގެ ސަފީރު ޒަންގް ލިޖޮންގް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ލިޒިންގެ ސަފީރުކަމުގެ ދައުރުގައި ވެސް އިތުރަށް ދެ ގައުމުގެ ގުޅުން ބަދަހިވާނެކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ކުރިއަށް އޮތް އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ ދެގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް ބައްލަވައިލައްވައި، މިދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވައިފައެވެ. އަދި މި ފޯން ކޯލުގައި ދެ ގައުމުގެ ވެރިންވެސް ރާއްޖެއާއި ޗައިނާގެ ގުޅުން އޮތް އިރު ދެގައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ އިޖުތިމާއީ އިގުތިސޯދީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ޗައިނާ ސަރުކާރުން 200،000 ޑޯޒްގެ ސައިނޯފާމް ވެކްސިންގެ އިތުރުން 400،000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެގައުމުގެ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ވަނީ މަގުފަހިވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ޗައިނާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސްއަށާއި، ދިވެހި ރައްޔިތުންނަށް ފޮނުއްވާކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމު އެކަމަނާއަށް ލިބިވަޑައިގަތުމަކީ ލިބުނު މަތިވެރި ޝަރަފެއް ކަމަށާއި އެކަމަނާގެ ސަފީރުކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އެކަމަނާ ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނަގާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެ ތައުރީފުކުރައްވައިފައެވެ.