ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބުނު މީހަކު، އެތަނުގެ ފިނިޝިން މަސައްކަތް ނިންމަން ގަތް 33،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގައިފިއެވެ.

ދަފުތަރު ކެޓަގަރީގެ ދަށުން ފުލެޓު ލިބުނު އިބްރާހިމް މުހައްމަދު 'ވަން' އަށް މިއަދު ބުނީ، 15 ދުވަސް ތެރޭގައި ފުލެޓުގެ ފިނިޝިން ނިންމުމުގެ ބޭނުމުގައި ހަތަރު މަސް ދުވަހުގެ މުސާރަ އެއްކޮށްގެން ގަތް 33،800 އެއްހާ ރުފިޔާގެ މުދާ ވަގަށް ނެގީ ފުލެޓުގެ ތިރީގައި ބަހައްޓާފައި ހުއްޓާ އިއްޔެ ކަމަށެވެ.

އިބްރާހިމަށް ލިބިފައި ވަނީ 15 ވަނަ ޓަވަރުގެ 24 ވަނަ ފަންގިފިލާއިން 11 ވަނަ އެޕާޓްމެންޓެވެ.

"ހުރިހާ ސާމާނެއް ގަނެގެން އިއްޔެ ހެނދުނު އައިސް ފުލެޓަށް އަރުވަން ވެގެން އުޅުނީ. ދެން އެ ގަޑީގައި ލިފްޓު ބިޒީކޮށް އުޅޭތީ ދިޔައީ ދެވަނަ ފިޔަވަހިން ފައިބާ އިރު އެތާ ކައިރީގައި ހުރި ދިއްދޫ ހޮޓަލަށް ސައިބޯން،" އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ އިބްރާހިމް ބުންޏެވެ.

އޭނާ ބުނީ، އޭރު ގަޑިން ވާނީ ހެނދުނު 9:20 ކަމަށާއި ސައިބޮއެގެން ފުލެޓު ކައިރިއަށް އައި އިރު އެތަނުގައި ބެހެއްޓި އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ، ދެ ފޫޓު ދެ ފޫޓުގެ 130 ގަނޑު މުއްޓާއި ދެ ފޫޓު އެއް ފޫޓުގެ 90 ގަނޑު މުށީގެ އިތުރުން 30 ކޮތަޅު ސިމެންތި އާއި ދެ ކޮޓަރިއާއި ދެ ފާހާނައިގެ ދޮރު ކަމަށް އޭނާ ބުންޏެވެ.

އިބްރާހިމް ބުނި ގޮތުގައި، ސައިބޯން ދިޔައިރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު އުޅުނެވެ. އަދި އޭގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތު މީހުން ކަމަށާއި ނަމަވެސް އެވަގުތު އެތަނުގައި ތިބި މީހުން ކައިރީގައި އޭނާ ގެންދިޔަ ތަކެތި ފެނުނުތޯ އެހުމުންވެސް ވީތަނެއް ނޭނގޭ ކަމަށް ބުނި ކަމަށް ބުންޏެވެ.

"ވަގުތުން ފުލުހުންނަށްވެސް ރިޕޯޓް ކުރިން. އެކަމު ފުލުހުންވެސް ނާދޭ މައްސަލަ ރަޖިސްޓްރީ ކޮށްލީއޭ ކިޔާފަ މެސެޖެއް ކޮށްލީ. އިއްޔެވެސް، ރޭވެސް މިއަދު ހެނދުނުވެސް މިބެލީ ފެނޭތޯ. ދެން ފުލުހުންނަށް ބަޔާންދޭން ދާން މިދަނީ،" އިބްރާހިމް ބުންޏެވެ.

ހިޔާ ފުލެޓު ލިބުމުން މާލޭގައި ކުއްޔަށް އުޅޭ ތަން ދޫކޮށްލައި ހުޅުމާލެއަށް ދިރިއުޅުން ބަދަލުވުމަށް ތައްޔާރުވަމުންދިޔަ އިބްރާހިމް އިތުރަށް ބުނީ، ގަތް ތަކެތި ވަގަށް ނެގުމުން، އަނބިމީހާއާއި ދެ ދަރިން ގޮވައިގެން ހިޔާ ފުލެޓަށް ބަދަލުވުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައިވާ ކަމަށެވެ.