ކޮވިޑާއެކު އަހަރަކަށްވުރެ ގިނަ ދުވަސް ދިވެހިން ހޭދަކޮށްފި އެވެ. އެތައް އާދައެއް ބަދަލު ކުރަން މަޖުބޫރުވެއްޖެ އެވެ. ބިރާއި އިންތިހާއަށް ދަތީގަ އެވެ. އެތައް ތުރާލެއްގަ އެވެ. ދިރިއުޅުމުގައި އެތައް އާދައެއް މުޅީން ދޫކޮށްލަން ޖެހުނެވެ. ރައްކާތެރި ވުމައް އެތައް ކަމެއް ކުރަން ޖެހުނެވެ. ފިހާރައިން ދޭ ވަކިލާރިކޮޅުވެސް ހަތް ފަހަރު ދޮންނަން މަޖުބޫރުވި އެވެ.

މިއަހަރު ފެށިގެން އައީވެސް ކޮވިޑުގެ ނުރައްކަލާ އެކުގަ އެވެ. ރާއްޖެ އިން މި ބަލި ފެނުމާއެކު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނީ މިދިޔަ އަހަރުގެ ފަހުކޮޅު ކޮވިޑުގެ އަދަދުތައް ދަށް ވާން ފެށުމުންނެވެ. ނަމަވެސް މިއަހަރު ފެށުނުތަނާހެން އަދަދު 100 އިން މައްޗަށްގޮސް ދެހާހަށް ވެސް ބަލިޖެހޭ މީހުންގެ އަދަދު އެރި އެވެ. އަނެއްކާވެސް ލުއި ދިން ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރި އެވެ. ކޮވިޑުގެ ދެވަނަ ރާޅާއި ތިންވަނަ ރާޅުގެ އިންޒާރުގެ އަޑުގަދާވާން ފެށި އެވެ.

މި ބަލީގައި ދުވާލެއްގެ މައްޗަށް އެތައް ބަޔަކު މަރުވެގެންދިޔަ އެވެ. އެއްދުވަހުން އެކަނިވެސް 13 މީހަކު މިބަލީގައި ރާއްޖެއިން މަރުވެގެންދިޔަ އެވެ. އޭރުވެސް ކަންކަންމަތީގައި އޮލަ ވާހަކައިގައި މީހުން ތިބޭލެއް މަދެއް ނޫނެވެ. ފިޔަވަޅުތައް އެޅި ނަމަވެސް އެއަށް ތަބާވާނެ ބަޔަކު ނެތެވެ. ފަރުދީ ޒިންމާ އަދާކުރުމެއް ނެތެވެ. ފަހަރުގައިވެސް މުއައްސަސާތަކުން ގޯސް ނަހަދާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ތިމާގެ ރައްކާތެރިކަމަށް ވިސްނާނީ ތިމާއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު މާލެ އާއި އަތޮޅުތެރެއާ ހާސް ތަފާތެވެ. މީގެ ކުރިން މާލޭ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އަތޮޅުތެރެއާ އަޅައި ބަލާއިރު ވަރަށް ބޮޑަށް މަތިވެ އެވެ. އެކަމަކު މިހާރު ފެނިގެންދަނީ މާލެއިން މީހުން ޕޮޒިޓިވް ވާ އަދަދު ބޮޑުތަނުން މަދުވެފައިވާ ތަނެވެ.

ރާއްޖޭގައި ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ވަނީ ފަށަފަ އެވެ. މިހާރު އަދަދުތައް ދަށްވެފައިވީ ނަމަވެސް ރައްކާތެރިވުމަށް ވެކްސިން ޖެހުން ވަރަށް މުހިންމެވެ. ވެކްސިން ޖެހުމުން ކޮވިޑު ނުޖެހެނީއެއް ނޫނެވެ. އެހެން ނަމަވެސް ބަލީގެ ނުރައްކާ ކުޑަވެގެންދެ އެވެ. މިހާރުވެސް 30،000 އެއްހައި މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ވެކްސިން ނުޖަހާ މީހުންނަށް އެކި ކަންކަމުގައި ދަތި ކުރުމަށް ނިންމުމާ ގުޅިގެން ދުވާލެއްގެ މައްޗަށް ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިހާތަނަށް 303،667 މީހަކު މި ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު ލިބުނު ބޮޑު ކާމިޔާބެކެވެ.

ކޮވިޑުގެ ހާލަތަކީ މިހާތަނަށް އެއްވެސް ގައުމެއްގައި އެއްވަރަކަށް ހިފެހެއްޓިފައި އޮތް ހާލަތެއް ނޫނެވެ. އެގޮތުން ބަލާއިރު ކޮވިޑު މެނޭޖް ކުރުމަށް އެންމެ ފުރަތަމަ ނަމޫނާ ދެއްކި އަވަށްޓެރި ސްރީލަންކާގެ ހާލަތު މިހާރު މިވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި އިންޑިއާގެ ހާލަތުވެސް މިވަނީ އަދިވެސް ކަންބޮޑުވާ ދަރަޖައެއްގަ އެވެ. އެގައުމުތަކުގައި ދުވާލަކު އެތައް ސަތޭކަ މީހުން މި ބަލީގައި މަރުވެ އެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު މިހާރު އެންމެ ގިނައިން ރާއްޖެ އަށް މީހުން އަންނަ އެއް ގައުމަކީ އިންޑިއާ އެވެ. އިންޑިއާގެ ފަތުރުވެރިންގެ ކަރަންޓީނު މަންޒިލަކަށް ރާއްޖެ ވެފައިވާއިރު ކޮވިޑުގެ ބިރިވެރިކަން އިންތިހާ އެވެ. އެހެން ގައުމުތަކުގެ ފަތުރުވެރިންގެ ފަރާތުންވެސް ބަލި ފެތުރުމަކީ ނުވާނެ ކަމެއް ނޫނެވެ. ނަމަވެސް މާލެ އާއި ހުޅުމާލޭ މަގުތަކާއި މުޅި އެއާޕޯޓު އޮންނަނީ އިންޑިއާ ފަތުރުވެރީންތަކުން ފުރާލައިފަ އެވެ. މާސްކެއް އެޅުމެއް ގައިދުރުކަމެއް ނެތި އެވެ. އެހެން ކަމުން މިކަމަށް ސަމާލުވެ ދުރާލައި ތައްޔާރުވުން މުހިންމެވެ.

ކޮވިޑުގެ އަދަދުތައް ދަށްވެފައިވީ ނަމަވެސް ނުރައްކާ ކުޑަ ނޫން ކަމަށް އެޗްޕީއޭ އާއި ކަމާގުޅޭ އިދާރާތަކުން އަންނަނީ އިންޒާރު ދެމުންނެވެ. އެކަމަކު މި ނުރައްކާ ކުޑަ ކުރުމަށް ވަކި މާ ބޮޑު މަސައްކަތެއް ކުރާތަނެއް ނުފެނެ އެވެ. ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހިދާނެ ކަމުގެ އިންޒާރާއެކު އާންމުން ހޭލުންތެރި ކުރުވުމަށް ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކުން މީގެ ކުރަމުން އައި އެއްވެސް މަސައްކަތެއް މިފަހަކަށް އައިސް ނުފެނެ އެވެ.

ހޭލުންތެރިކޮށް ކޮވިޑާ ގުޅެ މައުލޫމާތު ހިއްސާ ކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންވެސް މިހާރު ނުބާއްވަ އެވެ. ފެންނަމުންދަނީ ދުވަހެއް ދުވަހަކަށް ހަރުކަށިކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން އަންނަ ތަނެވެ.

އެޗްޕީއޭ އާއި ކަމާ ގުޅޭ އިދާރާތަކުން ކޮވިޑަށް ހޭލުންތެރިކުރުވުމަށް ކުރަމުން އައި ގިނަ މަސައްކަތްތައް މިހާރު ހުއްޓަލާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ނޭނގެ އެވެެ. ކޮންމެ ދުވަހަކު އެޗްޕީއޭގެ ޓުވިޓާ ހޭންޑްލްއިން ދެ ތިން ޓުވީޓެއް ކޮށްލުން ނޫން އެއްވެސް މަސައްކަތެއް މިހާރު ފެންނާކަށް ނެތެވެ. ކުރާހާވެސް ކަމަކީ ޓުވީޓަކުން މާސްކު އަޅަން ހަނދާން ކޮށްދިނުމެވެ. ނޫން ނަމަ ގައިދުރުކަން އިސްކޮށް ސާފުތާހިރު ވުމަށް ބާރު އަޅާ ވީޑިއޯ ކޮޅެއް ޓުވިޓާ މެދުވެރިކޮށް ހިއްސާ ކޮށްލުމެވެ.

މީގެ ބަދަލުގައި މިއަށްވުރެ ހަރުކަށި ފިޔަވަޅު އެޅުން މުހިންމެވެ. އާވޭރިއަންޓަށް ސަމާލުވުން މުހިންމެވެ. ކަންކަން މަތީގައި އޮލަ ވާހަކައިގައި ތިބޭ މީހުންނާއި ކެފޭ ރެސްޓޯރަންޓުތައް ގައިދުރުކަމެއް ނެތި ފުރާލާ މީހުންނާއި ޓޭކްއަވޭ ތަންތާ ކައިރީގައި ގުރޫޕު ހަދައިގެން ތިބޭ މީހުން ހުއްޓުވަން ޖެހެ އެވެ.

މިއީ ހަމައެކަނި ކަމާގުޅޭ އިދާރާތަކުގެ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއްވެސް ނޫނެވެ. ފަރުދީ ގޮތުންވެސް މި ބަލި ކޮންޓްރޯލް ކުރުމަށް އެންމެން މަސައްކަތް ކުރާން ޖެހެ އެވެ.

ކޮވިޑުގެ ހަތަރުވަނަ ރާޅާއެކު ރާއްޖެއިން ބަލީގައި މަރުވި މީހުންނާއި ހާލު ސީރިއަސް ވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން އިތުރުވި އެވެ. ފަސްވަނަ ރާޅެއްގެ ތެރެއަށް ރާއްޖެ ވެއްޓުމުގެ ކުރިން ސަލާމަތް ވުމަށް އެޅެން އޮތް ފިޔަވަޅެއް އެޅުން މުހިންމެވެ.

އެގޮތުން ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާއިރު ވެކްސިން ފުރިހަމަ ކުރުމަށް ިއސްކަން ދިނުން މުހިންމެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެއް ވެކްސިނުން ރާއްޖެއަށް މިވަނީ ލިބިފަ އެވެ. އެހެން ކަމުން ވެކްސިން ޖެހޭ އުމުރުގެ އެންމެން ވެކްސިން ޖެހުމަށް އިސްކަން ދިނުމަކީ އެހައިމެ މުހިންމު ކަމެކެވެ. ހަމަ އެހެންމެ ކަމާ ގުޅޭ އިދާރާތަކުންވެސް ދޫދިނުންތައް ތަންފީޒު ކުރުން މުހިންމެވެ. ހޭލުންތެރިކުރުވުން ހުއްޓައިނުލައި ކުރިޔަށް ގެންދިއުން ކޮންމެހެންވެސް މުހިންމެވެ.