އިންޑިއާ އާއި ނޭޕާލް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗު 2-1 އިން އިންޑިއާ އިން ކާމިޔާބު ކޮށްފިއެވެ.

ނޭޕާލްގެ ދަޝާރަތު ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ދެގައުމުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފަހު މެޗެވެ. ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގެ ތިން ގޯލްވެސް ދެވަނަ ހާފްގައި ފެނިގެން ގޮސްފައިވާއިރު، ދެޓީމުންވެސް މެޗަށް ނުކުތީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސް ގެންނެވެ.

އިންޑިއާ އިން ނެރުނު ފުރަތަމަ 11 ގައި ގޯލްކީޕަރު އަމްރިންދަރު ސިންގް ހިމަނައިގެން މެޗަށް ނުކުމެފައިވާއިރު، ފޯވަޑް ލައިނުން ފެނުނީ ކުރީ މެޗެކޭވެސް އެއްގޮތަށް ކެޕްޓަން ސުނިލް ޗެތުރީ އާއި މަންވީރު ސިންހާ އަދި ރަހީމް އަލީއެވެ.

މެޗުގެ ފުރަތަމަ ކޮޅުން ފެށިގެންވެސް ނޭޕާލުން ޑިފެންސަށް ސަމާލުކަން ދީގެން ކުޅެފައިވާއިރު، އިންޑިއާއިން ބެލީ ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރުމަށެވެ. އިންޑިއާއިން ކުރިއަށް ޖެހި ނޭޕާލް އޭރިއާ ތެރެއަށް ވަރަށް ބޮޑަށް ނުރައްކާ ކުރި ނަމަވެސް ނުރައްކާތެރި ހަމަލާއަކަށް ކުރި މަސައްކަތް ފެނުނީ މާ ބޮޑަށް ކާމިޔާބު ނުވެއެވެ.

ނޭޕާލްގެ ހަމަލާތައް ފުރަތަމަ ހާފްގައި ފެނުނީ މަނީޝް ޑާންގީ އާއި އަޝީޝް ލާމާގެ ފަރާތުންނެވެ. އެ ދެކުޅުންތެރިން ބާރު ދުވެއްޔާއެކު އިންޑިއާގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިކުރުވި ނަމަވެސް ނޭޕާލަށް ވެސް ފުރަތަމަ ހާފްގައި މާ ބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުމެ އިންޑިއާ އިން ގޯލަކަށް އިތުރަށް މަސައްކަތް ކުރިއެވެ. ދެފަރާތު އަރިމަތިން ހަމަލާތަކަށް ފުރުސަތު ފަހި ކުރުމަށް އިންޑިއާ ޓީމުން މަސައްކަތް ކޮށްފައިވާއިރު، ނޭޕާލްގެ ގޯލްކީޕަރު ކިރަންގެ ދެ ސޭވެއް ވެސް ހާފްގެ ކުރީކޮޅުގައި ފެނިފައިވެ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި އިންޑިއާ އިން ލީޑު ނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ފަރޫކް ޗޯދުރީއެވެ.

އެ ގޯލާއެކު މެޗު ހުޅުވިގެން ގޮސް، ދެ ކޮޅަށްވެސް ހަމަލާތައް އުފައްދަން ފެށިއެވެ. މެޗު ފެނުނީ ވަރަށް ބޮޑަށް ހުޅުވިގެން ދިޔަ ތަނެވެ. އަމްރިންދަރުގެ މޮޅު ސޭވެއް ފެނިފައިވާއިރު، 80 ވަނަ މިނެޓުގައި އިންޑިއާގެ އިތުރު ގޯލެއް ފެނިގެން ދިޔައެވެ. އެ ގޯލަކީ ކެޕްޓަން ޗެތުރީ ޖެހި ގޯލެކެވެ.

އިންޑިއާ އިން ދެ ގޯލް ޖެހިފަހުން ނޭޕާލުން ގޯލެއް ޖަހައި، މެޗުގެ ފަހު ކޮޅުގައި އިންޑިއާއަށް ޕްރެޝަރު ކުރިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ތެޖު ތަމަންގް ޖެހި އެ ގޯލާއެކު ނޭޕާލުން އިންޑިއާއަށް ޕްރެޝަރު ކޮށްލިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާ އާއި ނޭޕާލް އަދި ބަންގްލަދޭޝްގެ ތަމްރީނުތައްވެސް ބާރަށް ކުރިއަށްދާ އިރު، ރާއްޖޭގެ ތަމްރީނުތައްވެސް ވަނީ ފަށައިފައެވެ. ރާއްޖޭގެ ޓީމުން އަންނަ ހަފުތާގެ ތެރޭގައި ހާއްސަ ތަމްރީނު ކޭމްޕަކަށް ގަތަރަށް ފުރާނެއެވެ.