ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމުގެ ކުރިން އެ ހުކުމް ކުރައްވާނެ ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިލައްވާ ކަމަށް އިދިިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަން ކުރިއަށްދާ ގޮތުގެ ކަންބޮޑުވުންތައް ވަރަށް ގިނަ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި އެގޮތުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރުންވެސް އެތައް ފަހަރެއްގެ މަތިން އެވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭފުޅުން ރައީސް ނަޝީދާ އެކި ފަހަރު މަތިން ބައްދަލުކުރި، ބައްދަލުކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ތިބޭފުޅުން ދަށު ކޯޓުގެ ކަންތައްތަކާ ނޫޅުއްވާށޭ. ކްރިމިނަލް ކޯޓުގެ ކަންތައްތަކާ ނޫޅޭށޭ. ތިބޭފުޅުން މަސައްކަތް ކުރައްވާށޭ ހައިކޯޓުން ކާމިޔާބު ހޯދަން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ނަޝީދު އެގޮތަށް ވިދާޅުވުމުން، ދެކަމެއް ސާފުވާ ކަމަށެވެ. އެއް ކަމަކީ ރައީސް ޔާމީނަށް ހުކުމް އަންނާނެ ގޮތް ރައީސް ނަޝީދަށް ކުރިން އެނގިލެއްވުން ކަމަށާއި ދެވަނަ ގޮތަކީ އެ ހުކުމް ލިޔެ ފަނޑިޔާރު އަލީ ރަޝީދާ ހަވާލު ކުރީ ރައީސް ނަޝީީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ކަމަށެވެ.
އަދުރޭ ވިދާޅުވީ މިސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަމަށް ބުނުމަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ހުކުމް ކުރުމަށް ތިން ގަޑިއިރަށް ވެފައި ވަނިކޮށް، އެއިރު އެ މައްސަލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ބުނެ، ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރުމަކީ އެކަމުގެ ހެއްކެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރުމަށް ފަހުން އެކުލަވައިލި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަޑިޔާރު އަލީ ރަޝީދުގެ ސުލޫކީ މައްސަލަތަކެއް ފާހަގަވެ، އެކަން ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުންނާއި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންގޮސް ހުކުމް ކުރެއްވީ، އެކަމަށް އެއްވެސް ބެލުމެއް ނެތި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް އަލީ ރަޝީދު އަމިއްލައަށް ފަނޑިޔާރުންގެ ބެންޗު މި ކަނޑައެޅީ. އެކަން އެގޮތަށް ނުކުރެވޭނެ. ދެން ޝަރީއަތާ ބެހޭ ގޮތުން އެބަވޭ ރާއްޖެ ޓީވީއަށް އިންޓަވިއުއެއްދީފައި، ފަނޑިޔާރުކަމުގައި ހުރެ ހިނގަމުން އަންނަ ޝަރީއަތަކާ ގުޅޭ ބެހޭ މައުލޫމާތު މީޑިއާއާ ހިއްސާ ނުކުރެވޭނެ. އެއީ ކުރެވިގެންވާނެ ކަމެއް ނޫން" އަދުރޭ ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު