ޝަރީއަތްތަކަށާއި ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުތައް ކުރުމުގެ މަގުސަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާފައިވާ ޝަރީއަތާމެދު ސުވާލު އުފެއްދުން ކަމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވި ގާޒީން ކަމަށް ބެލެވޭ ބައެއްގެ އޯޑިއޯތަކެއް ލީކްވެ، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް، ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންތަކެއް އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ވާހަކަތަކަށް ބާރު ލިބޭނެ އިތުރު ވާހަކަތަކެއް ދައްކަވައިފައެވެ.
ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީންގެ ޝަރީއަތުގެ ކަންކަން ހިނގައި ދިޔަގޮތް ކަމަށް ބުނެ އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން ސާފުވާ ކަމަށެވެ.
އެގޮތުން އެ ޕްރެސް ކޮންފަރެންސްގައި ވާހަކަދެއްކެވި ބައެއް ފަނޑިޔާރުންނަކީ އެބޭފުޅުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސާބިތުވެ ފަނޑިޔާރުކަމުން ވަކިކުރުމަށް އެކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ފޮނުވުމުން މަގާމުން އިސްތިއުފާ ދެއްވާފައި ތިއްބެވި ބޭފުޅުން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"މިޕާޓީން ދެކޭ ގޮތުގައި އިސްވެ ދެންނެވި ޕްރެސް ކޮންފަރެންސްގެ ހަމައެކަނި މަގުސަދަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތަކީ އިތުބާރު ހިފޭ ގޮތަށް ހިންގާފައިވާ ޝަރީއަތެއް ނޫންކަން ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްކުރުމެވެ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނުގެ ސަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އެމްޑީޕީން ވަނީ ލީކުވެފައިވާ އޯޑިއޯގެ މައްސަލަ ޖޭއެސްސީން އިސްވެ ފުލުހުންނާ ގުޅިގެން ކުރަމުން އަންނަކަން ބަޔާނުގައި ފާހަގަކޮށްފައެވެ.
އެމްޑީޕީން އިތުރަށް ބުނީ ޝަރީއަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގާ އަމަލުތަކަކީ އެޕާޓީން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަބަދުވެސް ދެކޭ މައްސަލަތަކެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ އެޕާޓީން ޓޮލަރޭޓް ކުރާނޭ އަމަލުތަކެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު