ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި މައްސަލަ އެޕާޓީން އަލުން ބަލަން ފަށައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، ފޯމު ހުށަހަޅުއްވާފައި ވަނިކޮށް މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމައި އެކަން އެމްޑީޕީން އެންގީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.
އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި މަހުލޫފުގެ ފަރާތުން އެމްޑީޕީއަށް ހުށަހެޅުއްވިއެވެ. ނަމަވެސް މަހުލޫފުގެ ކެނޑިޑެސީ ބާތިލުކުރަން އެޕާޓީން ނިންމި ނިންމުން ރަނގަޅު ކަމަށް ޝަކުވާ ބަލާ ކޮމިޓީން ވަނީ ނިންމައިފައެވެ.
އެމްޑީޕީން މަހުލޫފަށް މިއަދު ފޮނުވި ސިޓީގައި ބުނީ، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި މައްސަލަ އިސްތިއުނާފުކުރުމަށް އޭނާގެ ފަރާތުން އެދިފައިވާތީ، އެ މައްސަލަ ބެލުމަށް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިރޭ 8:30 ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެމްޑީޕީން ވަނީ އެ މަޖިލީހުގައި ބައިވެރިވުމަށް އެދި މަހުލޫފަށް ދައުވަތު އަރުވައިފައެވެ.
މަހުލޫފުގެ މައްސަލަ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އަލުން ބަލަން ފަށާފައިވާއިރު، އެ މަޖިލީހަށް މިފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވި ކެންޑިޑޭޓުން ހޮވި، އެ މަޖިލީހުގެ އާ ދައުރު ފަށާފައިވަނިކޮށެވެ.
އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި މައްސަލަ މަހުލޫފުގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް، އާ ޝަރުތެއް ކަނޑައެޅޭނީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ނުވަތަ އަސާސީ ގަވާއިދުން ބާރުލިބިގެން ހަދާ ގާނޫނަކުން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިި އިރު، މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އެ މައްސަލައިގައި މަހުލޫފަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު