ގއ. ކަނޑުހުޅުދޫގައި ހަތަރު އަންހެނެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:50 ހާއިރު ކަނޑުހުޅުދޫގައި އަންހެނުންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި 22 އަހަރުގެ އަންހެނަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
އެ މާރާމާރީއާ ގުޅިގެން ކަނޑުހުޅުދޫ ހެލްތު ސެންޓަރުގެ މެނޭޖަރު މުމްތާޒް ހުސައިން "ވަން" އަށް މިރޭ ވިދާޅުވީ އެ މާރާމާރީގައި އަންހެން މީހާގެ ނޭފަތަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ މަންމައަކާއި އޭނާގެ ދެ އަންހެން ދަރިންނާއި އެހެން އަންހެނަކާ ދެމެދުގައި ކަމަށެވެ. އެގޮތުން ސުކޫލަށް ކުދިން އިންޓަވަލަށް ލުމަށްފަހު ގެއަށް ދިޔަ މަގުމަތީގައި ހިނގި ޒުވާބު، ހޫނުވެ މާރާމާރީއަކަށް ބަދަލުވީ ކަމަށް ބުންޏެވެ.
އޭނާ ބުނީ އަނިޔާވި އަންހެން މީހާ އޭނާގެ ގޭދޮށުގައި ހުއްޓާ ތިން އަންހެނަކު ގޮސް އަންހެން މީހާ ސައިކަލުން ވައްޓާލައި ހަމަލާދީފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ނޭފަތް މަތީގައި ފޯނުން ޖެހުމުން، އޭނާގެ ނޭފަތް ވަރަށް ބޮޑަށް ފަޅައިގެން ދިޔަ ކަމަށްވެސް ބުންޏެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.