ހއ. ދިއްދޫ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފައުންޑޭޝަން ފޫޓިންގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފިއެވެ.
ދިއްދޫ ފެރީ ޓާމިނަލަކީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޓާމިނަލެކެވެ. މި މަޝްރޫއުގެ ދަށުން ފައުންޑޭޝަން ފޫޓިން މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއު ތަންފީޒު ކުރެވޭނީ ތިން ފިޔަވައްސެއްގެ ދަށުން ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ މި ފެރީ ނިޒާމުން ދަތުރުކުރާ ފަރާތްތަކަށް ލުއި ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި ނިޒާމުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލައި އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު