ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށް ނިންމައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް އެ ދެ ދައުވާ އުފުލާފައި ވަނީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ/ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.
އެ މައްސަލައިގައި ސަންގެ ދެ ކުންފުނީގެ އިތުރުން އަހުމަދު ކްރިކް ރިޒާއަށްވެސް ވަނީ ދައުވާ އުފުލައިފައެވެ.
އެންމެ ފަހުން ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހަޅައިފައެވެ.
އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކުގެ ތަފުސީލު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިއުލާނު ނުކުރި ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ދައުވާ ލިބޭ ހުރިހާ ފަރާތްތަކެއް ވަނީ ހާޒިރުކޮށްފައެވެ. ނަމަވެސް 9:00 ޖަހާއިރު ފެށުމަށް ތާވަލުކޮށްފައިވާ މައްސަލައިގެ އަޑުއެހުން ފަށާފައި ވަނީ 10:30 ވިފަހުންނެވެ. އަދި ދިމާވި ބައެއް ސަބަބުތަކާއި ހުރި ޝަރީއަތް ފެށުން ލަސްވިކަމަށްޓަކައި ގާޒީ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
މައްސަލަ ފެށުން ލަސްވި ބައެއް ސަބަބުތަކުގެ ތެރޭގައި، ދައުވާ ލިބޭ ބައެއް ފަރާތްތަކުގެ ވަކީލުން މައްސަލައިން ތަނާޒިލްވުމުގެ އިތުރުން ބައެއް ވަކީލުން އައްޔަން ކުރުމުގެ އިޖުރާއަތްތައްވެސް ކުރިއަށް ދިއުމުންކަން ގާޒީ ފާހަގަކުރެއްވިއެވެ. އަދި ދައުވާ ލިބޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން މައްސަލަ ކުރިއަށް ގެންދިޔަ ނަމަވެސް އެކި މާލަމްތަކުގައި ތިއްބެވުމުން އޮންލައިންކޮށް ގުޅާލުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އެހެންކަމުން މިއަދުގެ އަޑުއެހުން އިތުރަށް ދިގުލައި ނުދާނެ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ގާޒީ ވަނީ އަޑުއެހުން ކުރުކޮށްލައިފައެވެ.
އެގޮތުން މިއަދުގެ އަޑުއެހުމުގައި ނިންމާފައި ވަނީ، ރައީސް ޔާމީންގެ ފަރާތުން މީގެ ކުރިން ހުށަހެޅުންތައް ހުށަހަޅާފައި ހުރުމުންނާއެކު ދައުލަތުގެ ފަރާތުން އެކަށީގެންވާ ހެކިތައް ހުށަހަޅާފައި ހުރުމުން، އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށެވެ.
ރައީސް ޔާމީންގެ އިތުރުން ދައުވާ ލިބޭ، ދެން ހުރި ފަރާތްތަކުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް އަދި ހުށަހަޅާފައެއް ނުވެއެވެ. އެ ހުށަހެޅުންތަކަށް ދެން އޮންނަ އަޑުއެހުމެއްގައި ފުރުސަތު ދެއްވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުމުގައި އެ ފުރުސަތު ދިނުމަށް ނިންމާފައި އޮތް ނަމަވެސް ޝަރީއަތް ފެށުން ލަސްވުމުގެ ސަބަބުން އެހެން އަޑުއެހުމެއް ބާއްވަން ގާޒީ ވަނީ ނިންމަވައިފައެވެ.
ތިން ފަރާތުގެ މައްސަލަވެސް އެކުގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ނަމަވެސް ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް ފުރުސަތު ދިނުމަށް ވަކިވަކިން އަޑުއެހުންތައް ބާއްވާނެ ކަން ގާޒީ ވަނީ އިއުލާނު ކުރައްވައިފައެވެ.
އެގޮތުން އަހުމަދު ކްރިކް ރިޒާގެ އަޑުއެހުން މި މަހުގެ 16 ވަނަ ދުވަހުގެ 9:00 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ސަން ކޮންސްޓްރަކްޝަންގެ ބައި އެ ދުވަހުގެ 10:00 ޖަހާ އިރު އަދި ސަން އިންވެސްޓްމެންޓްގެ ބައި 11:00 ޖަހާއިރު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ އަޑުއެހުންތައް ވަކިވަކިން ކުރިއަސް ގެންދިއުމަށް ނިންމާފައި ވަނީ، ދައުވާ ލިބޭ ކޮންމެ ފަރާތެއްގެވެސް ގިނަ ވަކީލުންތަކެއް ހުރުމާއެކު ކޯޓުގައި އެހާ ޖާގަ އަދި އެކަށީގެންވާ ވަސީލަތް ނެތުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު