ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލުގެ ދެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އަބޫބަކުރު ސްކޫލުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ގުރޭޑު ހަތަރެއްގެ ކުއްޖަކާއި ހައެއްގެ ކުއްޖެއް ކަމަށެވެ. އަދި މި ދެ ކުދިން ތިބޭ ކުލާހުގެ ހުރިހާ ދަރިވަރުން މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މި ކުލާސްތަކުގެ ކުދިން ފިޔަވައި އެހެން ހުރިހާ ގުރޭޑެއްގެ ކުލާސްތަކުގެ ކުދިން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެމުންދާ ކަމަށެވެ. އަދި މި ދެ ކުލާހުގެ ކުދިންވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ކުލާހަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައިވަނީ އެއްގެއަކަށް ނިސްބަތްވާ ދެ ކުދިންނެވެ. އެ ކުދިންނާއެކު އެގޭގެ އެހެން މީހަކުވެސް ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ދެ ކުދިންގެ ގައިން އަލާމާތްތައް ފެނިގެން ތިނަދޫ ފުލޫ ކުލިނިކަށް ދެއްކުމުން ކޮވިޑަށް ޓެސްޓު ކުރުމުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް އެއްވެސް ޓީޗަރަކު ކަރަންޓީނު ކޮށްފައިނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ކޭސްތަކާ ގުޅިގެން ތިނަދޫ އަދި މޮނިޓަރިންއަށް ލައިފައެއް ނުވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ތިނަދޫ މޮނިޓަރިންގެ ހާލަތުގައި ބޭއްވުމަށްފަހު، މޮނިޓަރިން އުވާލިތާ ގިނަ ދުވަސްތަކެއް ނުވެ ސްކޫލު ދަރިވަރަކު ޕޮޒިޓިވްވެ، އަނެއްކާވެސް އެރަށް މޮނިޓަރިންއަށް ލިއެވެ. ނަމަވެސް އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އެރަށް އާންމު ހާލަތަށް ގެނައެވެ.