ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު ކުރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
އެ އަޑުއެހުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ.
މާދަމާ ބާއްވަން ހަމަޖެހިފައިވާ ދެ ދައުވާގެ އަޑުއެހުންތަކެއް މީގެ ކުރިންވެސް ވަނީ ބާއްވައިފައެވެ. އެންމެފަހުން ބޭއްވި އަޑުއެހުން ނިންމާލާފައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހުއެވެ.
މާދަމާ އޮންނަ އަޑުއެހުމުގައި އޮންނާނީ އެ ހުށަހަޅުންތަކާމެދު ގޮތެއް ނިންމުމެވެ.
ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުކުރުމަށް، ހެކިން ދީފައިވާ ބަޔާންތަކަކީ ދޮގު ބަޔާންތަކެއްކަން ޝަރީއަތުގެ މަޖިލީހުގައި ސާބިތު ކޮށްދެއްވާނެ ކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، އެއާ ނުލައި ދިފާއު ބިނާނުކުރެވޭ ވަރުގެ މުހިންމު ލިޔުންތަކެއް، އެފަރާތަށް ލިބިފައިނުވާ ކަމަށާއި އެ ލިޔުންތައް ނުދީ ދައުލަތުން ހިފަހައްޓާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ/ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުންކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށްވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.
މި ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކުރާ އިރު، އެމަނިކުފާނު މިހާރުވެސް ގެންދަވަނީ މަނީ ލޯންޑާކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު