ދުނިޔެ

ކާބުލްގައި ތިބުމަށް ޖަރުމަނުން ޝަރުތުތަކެއް، ތާލިބާންގެ އަމަލުތަކާމެދު ފްރާންސް އިން ސުވާލުތަކެއް

(ރޮއިޓާސް) – ވަކި ޝަރުތުތަކަކަށް ތާލިބާނުން އެއްބަސްވާނަމަ ކަމަށް އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ތިބުމަށް ޖަރުމަނުން އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ވިދާޅުވެއްޖެއެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްގާނިސްތާން ދިއުމާ ގުޅިގެން ފްރާންސްގެ ފޮރިން މިނިސްޓްރާއެކު ސްލޮވޭނިއާ ބޭއްވި ބައްދަލުވުމަށްފަހު ރިޕޯޓަރުންނާ ވާހަކަދައްކަވަމުން މާސް ވިދާޅުވީ، ޖަރުމަނުން ބޭނުންވަނީ ހުރިހާ ކަމެއް އެކުލެވޭ ފުރިހަމަ ސަރުކާރެއް ކާބުލްގައި އޮތުން ކަމަށެވެ.

އެގޮތުން އިންސާނީ އަދި އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާ އަދި ބައިނަލްއަގުވާމީ ޓެރަރިޒަމަށް މީހުން ތައްޔާރުކުރާ ތަނަކަށް އަފްގާނިސްތާން ވެގެން ނުވާނެ ކަމަށްވެސް މާސް ވިދާޅުވިއެވެ.

"މި ޝަރުތުތަކަށް ތާލިބާނުން އެއްބަސްވާނަމަ، އަދި ސަލާމަތީ ހާލަތު އެގޮތަށް ތަންދޭނަމަ، ކާބުލްގައި އަލުން ތިބެން ޖަރުމަނުން އޮތީ ތައްޔާރަށް،" މާސް ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން ކާބުލް ހިފައި، އެ ޖަމިއްޔާގެ ބާރުގެ ދަށަށް އެގައުމު ގެނެސްފައިވާ އިރު، ރަޝިޔާ އާއި ޗައިނާއާ ހިލާފަށް، އީޔޫ އާއި ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ކާބުލްގައި ހުންނަ އެމްބަސީތައް ބަންދުކޮށްފައެވެ.

ކާބުލްގެ ހާލަތާ ގުޅޭ ގޮތުން ފްރާންސްގެ ފޮރިން މިނިސްޓަރު ޖޯން ޔީވް ލެ-ޑްރިއަން އިންޓަވިއުއެއްގައި ވިދާޅުވީ، އަފްގާނިސްތާނު ދޫކޮށް ދިއުމަށާއި އިންސާނީ އެހީ ގައުމަށް އެތެރެވުމުގެ ހުއްދަ ދިނުމުގައި ތާލިބާނުން އަމަލުކުރާ ގޮތް އެގައުމުން ބަލާނެ ކަމަށެވެ.

އޭގެ އިތުރުން ހުރިހާ ޓެރަރިސްޓް ޖަމިއްޔާތަކާއެކު އޮންނަ ގުޅުން އެއްކޮށް ކަނޑާލައި، އިންސާނީ ހައްގުތައް، ހާއްސަކޮށް އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރޭތޯވެސް ބަލާނެ ކަމަށް ވިދާޅުވިއެވެ.

"ތާލިބާނުން މި މަގުން ކަންތައް ކުރާކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތް،" ލެ-ޑްރިއަން ވިދާޅުވިއެވެ.