އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ، މަރްޔަމް ޒުބައިރު (މަންދީ)ގެ ބޯ ފަޅާލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީގައި މަންދީގެ އިތުރުން، އެ އޮފީހުގެ އިތުރު މުވައްޒަފަކަށްވެސް ވަނީ އަނިޔާ ލިބިފައެވެ. ލިބުނު ޒަހަމްތަކަށް މަންދީއަށް އޭޑީކޭގައި ފަރުވާދިނުމަށްފަހު ރޭ ވަނީ ގެއަށް ދޫކޮށްލައިފައެވެ.
އެ މައްސަލައާ ގުޅިގެން މާރާމާރީ ހިންގައި ހަމަލާދިން މީހާ އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
މާލެއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެފައެވެ.
ގާޒީ ދީބާނާޒް ފަހުމީ ނެރެދިން އެ އަމުރުގައި ބުނެފައި ވަނީ، ތުހުމަތުކުރާ މީހާގެ ބަންދުގެ މުއްދަތު އިތުރިކޮށްދީފައި ވަނީ، އެކަށީގެންވާ ވަރަށް ހެއްކި ހުށަހެޅުމުގެ އިތުރުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
މާރާމާރީ ހިންގި މީހާ، ހަމަލާ ދޭން ބޭނުންކޮށްފައި ވަނީ ބައިސަކަލުގެ ޗޭނެއް ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ބަލައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދައުވާކުރުމަށް އަނިޔާ ލިބުނު ބައެއް މީހުން ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު