ކުޅިވަރު

"އަހަރެން ފަލަހެން ހީވީ ލާޖު ޖާޒީއެއް ލުމުން، ދެން މެޗަކު ލާނީ މީޑިއަމް ޖާޒީއެއް"

ފްރާންސްގެ މީޑިއާއިން ނޭމާ ފަލަވެ، އޯވާ ވެއިޓު ވެއްޖެ ކަމަށް ބުނި ބުނުމަށް އޭނާ ރައްދު ދީފިއެވެ.

އެންމެފަހުން ޕީއެސްޖީން ލީގުގައި ރެއިމްއާ ދެކޮޅަށް ކުޅުނު މެޗުގެ ބައެއް ފޮޓޯތަކާ އެކު ބައެއް ނޫސްތަކުން ބުނެފައި ވަނީ ޗުއްޓީއަށްފަހު ނޭމާ އެނބުރި ދިޔަ އިރު، އޭނާ ހުރީ ހުންނަންޖެހޭ ވަރަށް ވުރެ ފަލަކޮށް ކަމަށެވެ. އެފަދަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ބްރެޒިލުން ޗިލީއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަށްފަހު އިންސްޓަގުރާމުގައި ނޭމާ ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދީފައެވެ.

އުމުރުން 29 އަހަރުގެ ބްރެޒިލް ތަރި ނޭމާ ޕޯސްޓް ކޮށްފައިވާ ލިޔުންކޮޅުގައި ބުނެފައި ވަނީ އޭނާ ފަލަ ނުވާ ކަމަށާއި ފަލަ ކަމަށް ދެއްކީ ޖާޒީ ބޮޑުވުމުން ކަމަށެވެ. ނޭމާ ބުނެފައި ވަނީ އެ މެޗުގައި ލާފައި ވަނީ ލާޖު ސައިޒުގެ ޖާޒީއެއް ކަމަށާއި ދެން މެޗަކަށް އޭނާ އޯޑަރު ކުރާނީ މީޑިއަމް ސައިޒުގެ ޖާޒީއެއް ކަމަށެވެ. އެފަދަ ގޮތަކަށް ލިޔެ ނޭމާ ވަނީ "ހިނިގަނޑު ޖަހާ" އެމޯޖީއެއްވެސް ބޭނުންކޮށް، އެވާހަކަތަކަކީ ޖޯކު ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިދިޔަ ހޫނު މޫސުމުގައި ނޭމާވަނީ ބްރެޒިލް އާއެކު ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރު ކޮށްފައެވެ. ފައިނަލުގައި އާ ޓީމް މޭޓް ލިއޮނަލް މެސީގެ އާޖެންޓީނާ އަތުން ބްރެޒިލް ބަލިވެފައިވާ އިރު، ބޮޑު ޗުއްޓީއަކަށްފަހު ނޭމާ ޕީއެސްޖީއަށް ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ ހަފުތާގައި ކުޅުނު މެޗެވެ. ނޭމާގެ ބޮޑު އެއްބާރުލުމަކާ އެކު ޕީއެސްޖީއަށް ބަދަލުވި މެސީވެސް އެ މެޗުގައި ކުޅެފައިވާ އިރު، ޕީއެސްޖީގެ އެންމެ ބޮޑު ޓާގެޓަކަށް މި ސީޒަނުގައި ވާނީ ޗެމްޕިއަންސް ލީގުކަން ޔަގީނެވެ.