ޚަބަރު

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ މަހު

އަލީ ޔާމިން

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މިދިޔަ އޮގަސްޓްގައި މަހުގައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 143،599 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 4،631 ފަތުރުވެރިންނެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އިންޑިއާއިން އައިސްފައިވާއިރު، އެގައުމުން 54،049 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 17،069 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ޖަރުމަނުންނެވެ. އެގައުމުން 9،916 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 750،000 ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިންޑިއާއިންނެވެ. ޓްރާންސިޓް ބޭނުމަށް އެގައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދެއެވެ.