1993 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސްޕެއިން އިން ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަކުން ބަލިވެއްޖެއެވެ.

ރޭ ސްޕެއިން އިން ސްވިޑެންއާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން 2-1 އިން ބަލިވެފައިވާއިރު، އެގައުމު ވޯލްޑް ކަޕް މެޗަކުން ބަލިވެފައި މި ވަނީ 28 އަހަރު ފަހުންނެވެ. އެ ބައްޔާ ސްޕެއިން ކުރިމަތިލާން ޖެހުނީ 66 މެޗުން ބަލި ނުވެ އޮތް ސިލްސިލާއަކަށް ފަހުއެވެ. 28 އަހަރުގެ މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ސްޕެއިން ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން 66 މެޗުގެ ތެރެއިން 52 މެޗުން މޮޅުވެފައި އޮތްއިރު، އަނެއް 14 މެޗުން ވަނީ އެއްވަރު ވެފައެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖަހައި، ލީޑު ނެގީ ސްޕެއިން އިންނެވެ. ކާލޮސް ސޮލާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އަށް ލީޑު ނަގައިދިން ނަމަވެސް، އެ ލީޑުގައި ސްޕެއިން އަށް އޮވެވުނީ 12 ސިކުންތުއެވެ. ސްވިޑެންގެ ތަރި އެލެކްސެންޑާ އީސާކް ވަނީ ސްޕެއިން ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ސްވިޑެން އިން މެޗުން މޮޅުވީ ޑީޖާން ކްލުސެވްސްކީގެ ޕާހަކުން ވިކްޓާ ކްލާސެން ޖެހި ގޯލުންނެވެ.

ރޭގެ މެޗުގެ ކުރިން އެންމެފަހުން ސްޕެއިން ވޯލްޑް ކަޕް ކޮލިފައިންގައި ބަލިވެފައި އޮތީ 1993 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި އެގައުމާ ދެކޮޅަށް ކުޅުނު މެޗަކުންނެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު ސްވިޑެން ގްރޫޕް ބީ ގެ އެއްވަނަ އަށް ޖެހިލާފައިވާއިރު، ސްޕެއިން އަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް ކުޅެން ޖެހުމަކީ އެކަށީގެން ވާ ކަމެކެވެ. ޔޫރަޕުން ވޯލްޑް ކަޕަށް ޔަގީންކަމާއެކު ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެވެސް އެއްވަނައެވެ. ދެވަނަ ޖެހޭނީ ޕްލޭ އޮފް ކުޅޭށެވެ.