އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުންދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއާއި ނޭޕާލް ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.

ނޭޕާލްގެ ދަޝާރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަކީ ދެގައުމުން ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ. ދެން މި ދެގައުމު ކުޅޭ މެޗު އޮންނާނީ ފަސްވަނަ ދުވަހުއެވެ. މެޗު ކުޅޭނީ މިއަދުގެ މެޗު ކުޅުނު ދަޝާރަތު ސްޓޭޑިއަމްގައެވެ. މިއަދުގެ އެކުވެރިކަމުގެ މެޗަށް ނޭޕާލް ސްޓޭޑިއަމްގެ ތިންބައިކުޅަ އެއްބަޔަށް ސަޕޯޓަރުން ވައްދާފައިވެއެވެ.

މިއަދުގެ މެޗަށް ދެޓީމުންވެސް ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައިވާ އިރު، އިންޑިއާގެ ކެޕްޓަން ބޭންޑް އަޅައިގެން މެޗަށް ނުކުތީ ލެޖެންޑް ސުނިލް ޗެތުރީއެވެ. އަނެއްކޮޅުން ނޭޕާލްގެ ކެޕްޓަން ބޭންޑް އަޅައިގެން ގޯލް ބަލަހައްޓަން ނުކުތީ ރާއްޖޭގެ ލީގުންވެސް ފާހަގަކޮށްލެވުނު މޮޅު ގޯލްކީޕަރު ކިރަން ކުމާރެވެ. އިންޑިއާ ޓީމުން ސުބަހަޝިސް ބޯޝްއާއި މަންވީރު ސިންހްގެ އިތުރުން ރާހުލް ބެކޭއާއި އަކާޝް މިޝްރާއާއި ގޯލްކީޕަރު ގްރަޕްރީތު ސިންހު ފާހަގަކޮށްލެވުނެވެ.

އަނެއްކޮޅުން ނޭޕާލްގެ ފުރަތަމަ 11 އިން އަންޖަން ބިސްޓާއާއި ގައުތަމް ޝްރޭސްތާ ފާހަގަކޮށްލެވުނު އިރު، އެންމެފަހުން ބަންގްލަދޭޝްގައި ކުޅުނު ސާފް ޗެމްޕިއަންޝިޕުން ވިދާލި ސުނިލް ބާލްއާއި ކަމާލް ތާޕާ މެޗު ފެށީ ބެންޗުންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި އިންޑިއާއިން އެޓޭކުކޮށް ނުރައްކާ ކުރި ނަމަވެސް ނޭޕާލުން ދިޔައީ އެޓީމުގެ ރަސްމީ ކުޅުމުގައި ކައުންޓާ އެޓޭކް ކުރަމުންނެވެ. އެ ޕްރެސިންގައި ކުރިއަށް ޖެހުމުން އިންޑިއާ ޑިފެންސަށް ޕްރެޝަރުވެ ހެދި ގޯހަކުން ނޭޕާލުން ވަނީ ފުރަތަމަ ހާފުގައި މެޗުގެ ލީޑު ނަގައިފައެވެ. އެޓީމަށް ގޯލް ޖަހައިދިނީ އަންޖުން ބިސްޓާއެވެ.

އެ ސްކޯއާއެކު ނޭޕާލުން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގައި އިންޑިއާއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމުން 60 ވަނަ މިނެޓުގައި ގޯލު ޖެހީ ސުނިލް ޗެތުރީ ދުރުން ފޮނުވާލި ހަމަލާ ގޯލްކީޕަރު ކިރަން އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ބޯޅައިގެ ބޭނުން ހިފައިގެންނެވެ. ރީބައުންސް ގޯލަށް ވައްދާލައި އިންޑިއާއަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ އަނީރުދު ތާޕާއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއާއި ނޭޕާލް އަދި ބަންގްލަދޭޝްގެ ތަމްރީނުތައްވެސް ބާރަށް ކުރިއަށްދާ އިރު، ރާއްޖޭގެ ތަމްރީނުތައްވެސް ވަނީ ފަށައިފައެވެ. ރާއްޖޭގެ ޓީމުން އަންނަ ހަފުތާގެ ތެރޭގައި ހާއްސަ ތަމްރީނު ކޭމްޕަކަށް ގަތަރަށް ފުރާނެއެވެ.