މި މަހުގެ 15، 22 އަދި 29 ވާ ބުދަ ދުވަހު މޯލްޑިވިއަން ގެ ހާއްސަ ދަތުރުތަކެއް ޑާކާއަށް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް މިއަދު ވިދާޅުވީ، މި ހިނގާ ސެޕްޓެމްބަރު މަހުގެ 3 ދުވަހަކަށް ހަމަޖައްސާފައިވާ މި ހާއްސަ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުދަ ދުވަހެއްގައި ކަމަށެވެ.

އެހެން ކަމުން ޑާކާއަށް ދާން ބޭނުންވާ ފަރާތްތަކުން ބުކިން ހެއްދުމަށް 3335544 އަށް ގުޅުން މޯލްޑިވިއަނުން އެދެއެވެ.

މޯލްޑިވިއަނުން މިހާރުވެސް ޑާކާގެ ޝެޑިއުލް ދަތުރުތައް ކުރާއިރު، މި މަހުގެ ތިން ދުވަހު ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމާފައިވަނީ މި ދުވަސްވަރު ޑާކާއަށް އޮތް ޑިމާންޑް އިތުރުވުމުން ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއްވައެވެ.