ރާއްޖޭގެ ރަށެއްގައި ކަދުރު ދަނޑެއް އޮތް ވާހަކައެއް މީގެ ކުރިން އަޑުއިވިފައެއް ނެތެވެ. އެއް ސަރަހައްދެއްގައި މިހާ ބައިވަރު ކަދުރު ރުއްތައް ހެދިފައި ނުވަތަ ހައްދާފައިވާ ކަމެއްވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ބ. ތުޅާދޫގައި މިފަދަ ކަދުރު ދަނޑެއް އޮތްވާހަކަ މިވަނީ މަޝްހޫރު ވާހަކައަކަށް ވެފަ އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ މިއީ އެރަށު މީހުން ހައްދާފައިވާ ދަނޑެއް ނޫން ކަމަށެވެ. އަދި މިއީ އެރަށުގައި ގެދޮރު އިމާރާތްކުރުމާއި އެހެނިހެން ކަންކަމުގައި ބޭނުން ކުރާ ގާކުނޑިތައް އުކާލާ ސަރަހައްދުގައި ހެދިފައިވާ ބޮޑު ކަދުރު ދަނޑެއް ކަމަށް ވިދާޅުވި އެވެ.
ދިވެހިންނަކީ ކަދުރާ ވަރަށް ގާތް ބައެކެވެ. ހާއްސަކޮށް ރަމަޟާން މަހު އެވެ. ނަމަވެސް ކަދުރު ކައި ނިންމައިލުމަށްފަހު އޭގެ އޮށްތައް ޖެހުނު ކޮންމެ ތާކަށްވެސް އުކާލަ އެވެ. އެކަމަކު މިހެން އެއްލާލާ ކަދުރު އޮށަކުން ބޮޑު ކަދުރުދަނޑެއް ހެދިދާނެ ކަމީ ގަބޫލު ކުރަން ދަތި ވާހަކަ އެކެވެ.
އާދިލް ވިދާޅުވީ އެރަށު ރައްޔިތުން އާންމުކޮށް މޫދަށް އެރޭ ދިމާލުގައި ކަދުރު ދަނޑެއް އުފެދުނު ގޮތް ސީދާ ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ސަރަހައްދަށް ކަދުރު އޮށްތައް ގޮސްފައި މިވަނީ ގާކުނޑި ކުންޏާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް މީހުންތައް މިތަނަށް އަޅާނީ ގާކުނޑި. މި ބުނީ ގެތައް ތަޅާފައި މިހުންނަ ގާތައް ހިފައިގެން އައިސް އެތަނަށް މިއަޅަނީ. ދެން އެގާތައް އެގެއަކުން ނަގާ ސާފު ކުރާއިރުހެން ބޮޑަށް ބެލެވެނީ ކަދުރު އޮށްތައް މިއަންނަނި. އެހުރިހާ އެއްޗެއް މިއަޅަނީ މި ސަރަހައްދަށް. ދެން އާންމުކޮށް މީހުން މޫދަށް ދާ ހިސާބު މިއީ. އެހެންވީމަ އެތަނަށް ދާ މީހުންވެސް ކަދުރު ކައިފަ އޮށްތައް އެޅީމަވެސް މިހެން ވެދާނެ. އެކަމަކު މިހާ ބައިވަރު ރުށްތައް ފެޅީމަ ވަރަށް ރީތި ވެއްޖެ މި ސަރަހައްދު." އޭނާ ވިދާޅުވި އެވެ.
ތުޅާދޫން "ވަން" ވާހަކަ ދެއްކި ބައެއް މީހުންވެސް މިކަމަކާ ދެކޮޅެއް ނަހަދަ އެވެ. އަދި މިއީ އެރަށަށް ލިބުނު ފަހުރެއް ކަމަށާއި މިތަން އެރަށަށް އަންނަ މެހެމާނުން ބަލައިލަން ދާން ރަނގަޅު މަންޒިލަކަށް ވެގެންދާނެ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.
ތުޅާދޫ މީހުންގެ "ކަދުރު ޕާކު" ރީތިކޮށް ހިމާޔަތް ކުރުމުގެ ވިސްނުމެއް ކައުންސިލުން ގެންގުޅޭ ކަމަށް އާދިލް ވަނީ ވިދާޅުވެފަ އެވެ. އާދިލް ވިދާޅުވީ އެ ސަރަހައްދަށް އަޅާފައި ގަލާއި ކުނިތައް ނަގައި އެތަން ސާފުކޮށް ހިތްގައިމު ޕާކަކަށް ހެދުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރުމަށް މިހާރު އެރަށުގެ އެހެން ޕްރޮޖެކްޓެއްގެ މަސައްކަތަށް ގޮސް ތިބި އެމްޓީސީސީގެ މުވައްޒަފުންގެ އެހީތެރިކަމަށް އެދެން އެހެން ކައުންސިލަރުންނާއި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކަދުރު ޕާކުގައި އެ ރުށްތަކުގައި މިހާތަނަށް ކަދުރު އަޅާފައެއް ނުވެ އެވެ. އެކަމަކު މި ރުއްތައް ހަލާކުވިޔަ ނުދިނުމަށް ވަކި ފަރުދެއްނެތި ތުޅާދޫ ހުރިހާ ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި އާންމުކޮށް ކަދުރު ރުއްތައް ހެދެ އެވެ. އެކަމަކު ކަދުރު އެޅުމަކީ އާންމުކޮށް ވާ ކަމެއް ނޫނެވެ.
ތުޅާދޫ މޫދަށް އެރޭ ސަރަހައްދުގައި ހެދިފައި މިހުރި ކަދުރު ދަނޑުގައި 200 އެއްހައި ރުއް ހުންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.